ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ "މޯލްޑިވްސް ބޯޓިންގ އެވޯޑްސް" (އެމްބީއޭ) އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ބަންދުކޮށްފިއެވެ. މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ބަންދުކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

ލޭމްގެ ރައީސް، އިބްރާހިމް ޝާހިދު ވިދާޅުވި ގޮތުގައި މި އަހަރުގެ އެވޯޑުގައިވެސް ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އަދި، މި އަހަރުވެސް އެވޯޑުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޝާހިދު ވިދާޅުވި ގޮތުގައި މި އަހަރުގެ އެވޯޑަށްވެސް މެރިން އިންޑަސްޓްރީގެ ވަރުގަދަ ފަރާތްތަކުން ކުރިމަތިލައިފައިވެއެވެ.

ލޭމް އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ ބޯޓިންގ އެވޯޑްސްގައި ޖުމުލަ 26 ކެޓަގަރީ އަކުން އެވޯޑު ދޭނެއެވެ. އޭގެތެރޭގައި ލިވްއަބޯޑުތަކާއި، މެރިން އިންޑަސްޓްރީގެ ސަޕްލަޔަރުންނާއި، ފަޅުވެރިންނާއި ކެޕްޓަނުން އަދި ގައިޑުން ހިމެނޭ ގޮތަށް މުޅި ސިނާއަތް ކަވަރު ކުރެވިފައިވާކަމަށްވެސް ލޭމް އިން ބުނެފައިވެއެވެ.

މި އަހަރުގެ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ ތެރޭގައެވެ.

ލޭމް އިން ބުނެފައިވާ ގޮތުގައި މި އެވޯޑުތައް ދިނުމުގެ އެންމެ މުޙިއްމު މަގުސަދަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީގެ މަސައްކަތްތައް ބަލައިގަނެ، އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. މިއީ، މި އެވޯޑު ބާއްވާ ހަތަރުވަނަ ފަހަރެވެ.

މި އަހަރުގެ ބޯޓިންގެ އެވޯޑު ޙަފްލާ ބޭއްވުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގައެވެ.