ފިނޭންސް މިނިސްޓްރީގެ ޚިދުމަތްތައް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ތިން ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ތަޢާރަފްކުރި ތިން ޕޯޓަލް އަކީ ބީލަން ކިޔުމާއި ނީލަމުގެ ކަންކަމާ ގުޅޭ ދެ ޕޯޓަލްއަކާ ކުރިން ތަޢާރަފްކޮށްފައިވާ ބަނޑޭރި ޕޯޓަލްގެ އިތުރަށް ތަރައްްޤީކުރުމަށްފަހު ތަޢާރަފްކުރި ޕޯޓަލްއެކެވެ.

އަލަށް ތަޢާރަފްކުރި ބީލަން ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އިޢުލާންކުރާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި، ޕްރޮޖެކްޓަށް ޕްރޮޕޯސަލް ހުށައެޅުމާއި، އަދި ލިޔެކިޔުމުން ކުރަންޖެހޭ މުޢާމަލާތްތައް ފަސޭހަކަމާއިއެކު ކުރިއަށްގެންދެވޭނެ ކަމަށް އެމިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.

ނީލަން ޕޯޓަލްއަކީ ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ނީލަން ކިޔާ މުދަލުގެ މަޢުލޫމާތާއި، ނީލަމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތަށް ތަޢާރަފްކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ޢާއްމު ފަރާތްތަކަށްވެސް ނީލަމުގައި ބައިވެރިވެ މުދާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ބަނޑޭރި ޕޯޓަލް އިތުރަށް ފުރިހަމަކޮށްފައިވާއިރު، މިއަހަރުގެ ބަޖެޓުގައި ހިމަނާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު މިޕޯޓަލްއިން ފެންނާނެއެވެ. މި ޕޯޓަލްއަކީ ސަރުކާރުގެ އެއް މުޢައްސަސާއިން އަނެއް މުޢައްސަސާއަށް ލިޔެކިޔުންތައް ފޮނުވުމަށް ބޭނުންކުރާ ޕޯޓަލްއެކެވެ. މި ޕޯޓަލްއިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ މަޢުލުމާތު ފޮޓޯއާއެކު ބެލޭނެގޮތް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕޯޓަލްތައް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕޯޓަލްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އައްސަދުއެވެ.

ފިނޭންސް މިނިސްޓްރީން ތަޢާރަފްކުރި ޕޯޓަލްތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު ޕޯޓަލްތައް ރަސްމީކޮށް ބޭނުންކުރަން ފަށާނީ އަންނަ މަހުކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސައިން

    ޕޯޓަލްއިން ކޮން ކަމެއް ކުރަނީ. ފާއިތުވި އަހަރުވެސް މިއަހަރުވެސް ސްކޫލް ހުޅުވެންވާ އިރަށް ވާންޖެހޭ ތައްޔާރީ ތަކަށް އެއްވެސް ފާއިސާ އެއްނުދީ ރާއްޖޭގެ ހުރިހާ ސްކޫލްތައް މަރާމާތު ނުކުރެވިގެން ބޮލަށް ވެއްޓެނީ.