ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ އެސްޓީއޯ އިން މިއަދު ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

ފަހަކަށް އައިސް ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް މިއަދު އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތެލުގެ އަގު ހެޔޮ ކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުން ކަމަށެވެ.

މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި ހެޔޮވާނެއެވެ.

އެހެން ކަމުން ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބެން ހުންނާނީ 11.99ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް 11.19ރ. އަށެވެ.

މިދިޔަ މެއި މަހުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން އެސްޓީއޯ އިން ވަނީ ތެލުގެ އަގު ބޮޑު ކޮށްފައެވެ.

އެސްޓީއޯ އިން ތެލުގެ އަގު ހެޔޮ ކުރިއިރު ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލިދާނެ ކަމުގެ ކަންބޮޑުވުން އިޤުތިޞާދީ މާހިރުން ދަނީ ދެއްވަމުންނެވެ.

އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ސައުދީ އަރަބިއްޔާ އިން ތެޔޮ އުފައްދާ މިންވަރު މަދު ކުރަން ނިންމާފައި ވުމާއި އަދި އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ ތެލުގެ އަގު ކުރިއަށް އޮތްތަނުގައި އުފުލިދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން އީރާނުގެ މައްސަލަ ވެސް ގޯސް ވެދާނެ ކަމަށް ލަފާކުރެވޭތީ އެއީ ވެސް ތެލުގެ އަގު އުފުލިދާނެ ސަބަބެއް ކަމަށް ލަފާކުރެވެއެވެ.