މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އާދިލް މޫސާ އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އާދިލް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅާފައިވާ ހުށަހެޅުން އެބޯޑުން ބަލައިގެންފައިވާ ކަމަށާއި މާދަމާ އިން ފެށިގެން އާދިލް މަގާމުން ވަކިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އާދިލް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ އެކުންފުނީގެ ހެޑް އޮފް އިންވެސްޓްމެންޓް ފައިނޭންސްގެ މަގާމުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ.

އާދިލް ވަނީ އެމްއޭސީއެލްގެ ވަރަށް ގިނަ މަގާމުތައް ފުރުއްވާފައެވެ. އޭނާ އެމްއޭސީއެލް އާއި ގުޅިވަޑައިގެންނެވީ 1992 ވަނަ އަހަރު އެވެ.

އާދިލް އަކީ އެމްއޭސީއެލް އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި މީގެ ކުރިން ދުވަހަކު ވެސް ހިންގާފައި ނުވާ ފަދަ ބޮޑު އެތައް މަޝްރޫޢުއެއް ހިންގުމުގެ އެއް މޭސްތިރިއާ އެވެ. އޭނާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ވެލާނާ އެއާޕޯޓްގައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ފްލައިޓް ޖެއްސޭ ވަރުގެ ރަންވޭ އެއް އަޅާފައެވެ. ތެޔޮ ރައްކާ ކުރާނެ ވަސީލަތްތަކާއި ކާގޯ ޓާމިނަލަކާއި ފަސެންޖަރ ޓާމިނަލަކާއި ވީއައިޕީ ޓާމިނަލަކާއި ސީޕްލޭން ޓާމިނަލެއް މުޅިން އަލަށް އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓް ތަރައްޤީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއް ފައްޓަވާފައެވެ. އެމަޝްރޫޢުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރު ނިމޭނެ ކަމަށް ލަފާކުރެވެއެވެ. މަޝްރޫޢުތައް ނިމުމުން ވެލާނާ އެއާޕޯޓުން އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

އާދިލް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވާފައި މިވަނީ އާސަރުކާރުން ވެރިކަމާއި ހަވާލުވާ ތިން ދުވަހަށް ވެފައި ވަނިކޮށެވެ. އާ ސަރުކާރުން ކުންފުނިތަކުގެ ވެރިންގެ މަގާމުތައް ބަދަލު ކުރާނެތީ އޭނާ ވެސް މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރާނެ ކަން އޮތީ ގާތްގަނޑަަކަށް ޔަގީން ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މީޒްލީ

    ވަކިނުކޮށް ވެރިކަން ކުރެވެން ނެތީބާ! ތައުލީމީ ޤާބިލް އަޙްލާޤް ރަގަޅު މަޑުމައިތިރި މީހުންނަކީ ވަރަށް މަދުބައެއް އާދިލަކީ މިދެންނެވި ކަންކަން ހުރި ޝަޙްސިއްޔަތެއް!

    • ކަލޯ

      އަސްލުވެސް މިވީހާ ތަނަކައްނެތް އާދިލް މޫސާ ވަރުގެ ވެރިއެއް މި އެއާރޕޯޓްއަށް ލިބިފަކާ އަޅުގަނޑުވެސް މިހާރު އުޅޭތާ 36 އަރު މިވަނީވެފަ ތަނުގެ މުއައްޒަފުންނަށް ރަގަޅު މަޑުމައިތިރި ހުރިހާ މުއައްޒަފުންނާ ގުޅޭ ބޭފުޅެއް އާދިލް މޫސާ އަކީ

    • ފާތުމަ

      ތައުލީމެއް ނުން މަށްސަލައަކީ، ވައްކަން މައްސަލައަކީ

  2. ޒާ

    އާދިލަކީ އިންގިލާބީ ބޮޑު ކުރިއެރުމެއް ގެނެސްދިން ބަޠަލެއް.

  3. ނިޢަމް

    ރައީސް ޔާމީންގެވެރިކަމުގައި ، ދިވެހި ޤަވްމުވަނީ އިޤްތިޞާދީގޮތުން ކޮޅަށް ނަގާފައެވެ. ޞިއްޙީދާއިރާއާ ތަޢުލީމީދާއިރާވަނީ ބައިނަލްއަޤުވާމީ ފެންވަރަށް ގެނެސްފައެވެ. ޢުމްރާނީ ، އިޖްތިމާޢީ ދުޅަހެޔޮކަންވަނީ މުޅި ޤަވްމުގައި ވަކިހިއްޕާލާފައެވެ. ކުންފުނިތައްވަނީ ފައިދާލިބޭ ތަންތަނަށް ހައްދަވާފައެވެ. ދެން އޮތީ އޭގެ ފޮނިމީރުކަން ލިބިގަތުމެވެ. ކޮވެލިއައިސް ހާލިތަޅާނުލާފިއްޔާ ވެދާނެއެވެ.

  4. Anonymous

    ރަގަޅު ތާއުލީމު ލިބިފައިވާ މީހުންބެނުން ނުވޭ

  5. ފާއިޒު

    ރައްޔިތުންގެ ހެޔޮވެރިކަމެއް، ވަޒީފާ ކަށަވަރު ސަރުކާރެއްގައި. ރައްޔިތުންގެ ރައީސަކު ވެރިކަމާ ހަވާލުވާއިރު، ރައީސްގެ ތަރުޖަމާނު ކުންފުނިތަކުގައި ތިބި ސިޔާސީ ބޭފުޅުން ވަޒީފާއިން ވަކިވުމަށް ބުނުމުގެ ބަދަލުގައި، ކުންފުނިތަކުގެ އިސްވެރިންނަކީ ދައުލަތުގެ މުއައްޒަދުންކަމަށް ބުނި ނަމަ ވެރިކަން ކިހާ ހެޔޮކަމަށް ފެނުނީސް.

  6. 2018 ކާފަބޭ

    އެއްލައިލުމުގެކުރިން އިސްތިއުފާދެއްވީތީ ޝުކުރުދަންނަވަން އިޚްލާސްތެރިންނަށް ފުރައްސާރައާކުރިމަތިލާންޖެހޭނެ އެކަންއެކުރަނީ ވަކިބަޔަކުގެއޯޑަރަށް. އެކަމަށްމަގުފަހިކުރަން ވަރަށްގިނަމީހުން ތިޔަތަނުންބޭރުކުރަންޖެހޭ