އޭޝިއަން ބޭންކިންގް އެޝޯސިއޭޝަން (އޭބީއޭ)ގެ 35 ވަނަ ބައްދަލުވުން މިއަދު ކުރުނބާ މޯލްޑިވްސްގައި ފަށައިފިއެވެ.

ރާއްޖޭގެ ތާރީހުގައި ބާއްވާ ފުރަތަމަ ބޭންކިންގް ކޮންފަރެންސްގައި އޭޝިއާގެ ބޮޑެތި މާލީ އިދާރާތަކުން ބައިވެރިވެފައިވެއެވެ.

"ބޭންކިންގް އިން އޭޝިއާ" މި ޝިއާރުގެ ދަށުން މާދަމާގެ ނިޔަލަށް ފެށި މި ކޮންފަރެންސްގެ ހޯސްޓަކީ ދިވެހި ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއެވެ.

އޭބީއޭ ކޮންފަރެންސްގެ ތެރެއިން - ވަގުތު އިމޭޖެސް

25 ގައުމަކުން 100އަށް ވުރެ ގިނަ ބައިވެރިންނާއި އެކު މިއަދު ފެށި ކޮންފަރެންސްގައި އޭޝިއާގެ ބޭންކްތައް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިގެންދާނެއެވެ.

35 ވަނަ އޭބީއޭ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއި އެކު ބޭންކިންގްގެ ނިޒާމު ހަރުދަނާކޮށް ކުރިއަރުވާ، ބޭންކްތަކުން ފޯރުކޮށްދޭ ހިދުމަތްތަށް ފުޅާ ކުރުމާއި ބެހޭ ގޮތުންނެވެ.

ރާއްޖޭގެ ތާރީހުގައި ބޭއްވޭ ފުރަތަމަ އޭބީއޭ ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ބޭންކިންގްގެ ދާއިރާ ހަރުދަނާކުރުމަށް މިއަދުގެ ކޮންފަރެންސްގައި މަޝްވަރާ ކުރާނެ ކަމަށެވެ.

އޭބީއޭ ކޮންފަރެންސްގެ ތެރެއިން - ވަގުތު އިމޭޖެސް

"ބޭންކިންގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވިދާނެ އިތުރު ކަންތައްތަކާއި ބެހޭ ގޮތުން ކޮންފަރެންސްގައި މަޝްވަރާ ކުރެވިގެންދާނެ" ހީލީ ވިދާޅުވިއެވެ.

ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ޓެކްނޮލޮޖީއާއި އެކު ރާއްޖޭގެ ބޭންކިންގްގެ ނިޒާމުވެސް އެތަށް ގުނައެއް ކުރިއަރާފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި އަދި ރައްކާތެރި މާހައުލެއް އޮތް ގައުމެއްގެ ގޮތުގައިވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރާއްޖޭގައި ބޭންކިންގް ދާއިރާގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ބީއެމްއެލްގައި ކަމަށެވެ.

އޭބީއޭ ކޮންފަރެންސްގެ ތެރެއިން - ވަގުތު އިމޭޖެސް

"ރާއްޖޭގައި ބޭންކިންގ ދާއިރާގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ބީއެމްއެލްގައި. އެގޮތުން ދެލައްކަ ފަސްދޮޅަސްހާހަށްވުރެ ގިނަ ކަސްޓަމަރުން އަޅުގަނޑުމެންގެ އެބަތިބި" ޝަރީފް ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި އޭޝިއާގެ ގައުމުތަކުގެ ބޭންކިންގް ދާއިރާ ހަރުދަނާކުރުމަށާއި އެ ގައުމުތަކުގެ ބޭންކިންގ ނިޒާމަށް ކުރިމަތިވެފައިވާ ގޮން ޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތާއި ބެހޭ ގޮތުން އެކި ގައުމުތަކުގެ މަންދޫބުން ދަނީ ޕްރެސެންޓޭޝަންގެ ޒަރީއާއިން ކޮންފަރެންސްގެ ބައިވެރިންނަށް މައުލޫމާތު ހިއްސާކުރަމުންނެވެ.

އޭޝިއަން ބޭންކިންގް އެޝޯސިއޭޝަން( އޭބީއޭ) އަކީ 1981 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވުޖޫދަށް އައި އެސޯޝިއޭޝަންއެކެވެ. އެ އެޝޯސިއޭޝަންގެ މައިގަނޑު މަގުސަދަކީ އޭޝިއާގެ ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއި އޭޝިއާގެ ބޭންކުތަކަށް ކުރިމަތިވެފައިވާ މައްސަލަތަށް ދެނެގަނެ ކަމާބެހޭ މާހިރުންގެ ލަފައާއި އެކު މަޝްވަރާގެ މޭޒުން އެކަން ކަމަށް އޮތް ހައްލު ހޯދައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަށް ބޭންކުތަށް އަހުލުވެރިކުރުވުމެވެ.