ފާއިތުވި 16 މަސް ދުވަސްތެރޭގައި ވެސް ބިޓްކޮއިންގެ އަގު ނުވެއްޓޭ ވަރަށް ބިޓްކޮއިންގެ އަގު މިއަދު ވެއްޓިއްޖެއެވެ.

މިއަދު ބިޓްކޮއިންގެ އަގު ވަނީ 5084 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. އެންމެ މަގުބޫލް ކްރިޕްޓޯކަރަންސީ ކަމަށްވާ ބިޓްކޮއިންގެ އަގު ވެއްޓެމުން އަންނަތާ މިހާރު ދެހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. ބިޓްކޮއިންގެ އިތުރުން އެހެނިހެން ކްރިޕްޓޯކަރަންސީގެ އަގުތައް ވެސް މިހަފްތާގައި ވަނީ ވެއްޓެން ފަށާފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެއްވަރެއްގައި ބިޓްކޮއިންގެ އަގު ހިފެހެއްޓިފައި ހުރުމަށް ފަހު ބިޓްކޮއިން އާއި އެހެނިހެން ކްރިޕްޓޯކަރަންސީތަކުގެ އަގުތައް ދަށަށް ދާން ފަށާފައިވާ އެއް ސަބަބަކީ ކްރިޕްޓޯކަރަންސީގެ މުސްތަގުބަލާއި މެދު އިންވެސްޓަރުންނަށް މާބޮޑު އިތުރުބާރެއް ނެތުމެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކްރިޕްޓޯކަރަންސީތަކުގެ އަގުތައް ވެއްޓުމަކީ ވަގުތީ ކަމެކެވެ. ދާދިއަވަހަށް ކްރިޕްޓޯކަރަންސީތަކުގެ އަގުތައް އުފުލިގެންދާނެ ކަމެއް ލަފާކުރެވޭ ކަމުގައި ވެސް އެފަރާތްތަކުން ބުނެއެވެ.

ފައިނޭޝަލް ޓައިމްސްގެ ނޫސްވެރިޔާ ޖެމީމާ ކެލީ ބުނީ ކްރިޕްޓޯކަރަންސީގެ އަގުތައް ވެއްޓެން މެދުވެރިވެފައި ވަނީ ކްރިޕްޓޯކަރަންސީ އާއި ދެކޮޅަށް ތަކުރާރުކޮށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުންނެވެ. ނަމަވެސް އަގުތައް ވެއްޓުމުން އިތުރު އިންވެސްޓަރުން ކްރިޕްޓޯކަރަންސީ އަށް ޝައުގުވެރިވާނެ ކަމަށާއި އެއާއި އެކު އަގުތައް ވަރަށް އަވަހަށް އުފުލިދާނެ ކަމަށް އޭނާ ބުންޏެވެ.

މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންނާއި، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން ގެންދަނީ ކްރިޕްޓޯކަރަންސީ ބޭނުން ކުރުމާއި ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ. އެއީ ކްރިޕްޓޯކަރަންސީ އަކީ މޮނީޓާ ކުރާނެ ފަރާތެއް ނެތި އިންޓަނެޓް މެދުވެރިކޮށް ތަފާތު މުއާމަލާތްތައް ހިންގާ ފައިސާ އަކަށް ވާތީ އެކަމުގެ ސަބަބުން އިޤުތިޞާދީ ބޮޑު މައްސަލަތަކެއް ދިމާވެދާނެތީއެވެ.