އަމަނާޓަކަފުލް މޯލްޑިވްސްއިން ދެމުންގެންދާ ހިދުމަތްތައް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗްތަކުން ލިބޭނެ ގޮތް ހެދުމަށް ބޭންކާތަކަފުލްގެ ނަމުގައި ހާއްސަ ހިދުމަތެއް ތައާރަފްކޮށްފިއެވެ.

މިއަދު މެންދުރު މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގަައި އަމަނާ ޓަކަފުލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަރީޒް ސުލައިމާނެވެ. އަދި އެމްއައިބީގެ ފަރާތުން އެއްބަސްވުމުގައި ސޮކުރެއްވީ އެ ބޭންކްގެ އެކްޓިންގ ސީއީއޯ އަހުމަދު ރިޒާއެވެ.

އެއްބަސްވުމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއައިބީގެ އެކްޓިންގ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، ބޭންކާތަކަފުލްގެ ހިދުމަތަކީ ރާއްޖޭގެ މުޅިން އަލަށް ފަށާ ހިދުމަތެއް ކަމަށާއި، މި ހިދުމަތުގެ ދަށުން އަމަނާ ޓަކަފުލްގެ ޓަކަފުލް ހިދުމަތްތަކާއި، އިންސުރެންސް ހިދުމަތްތައް އެމްއައިބީގެ ބްރާންޗްތަކުން ލިބިގެންދާނެ ކަމަށެވެ. އަދި އެ ބްރާންޗްތަކުން އަމަނާ ޓަކަފުލް ޕްރިމިއަމްވެސް ލިިބިގެންދާނެކަމަށް ރިޒާ ވިދާޅުވިއެވެ.

ބޭންކާތަކަފުލް ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖްސް: އަމީން ފަހުމީ

"އަމަނާ ޓަކަފުލްގެ ހުރިހާ ހިދުމަތްތަކެއް އަޅުގަނޑުމެންގެ ކައުންޓަރުތަކުން ލިބިގެންދާނެ ވާހަކަ ދަންނަވާލަން، މިއާއެކު އަޅުގަނޑު އުއްމީދު ކުރަނީ އެމްއައިބީގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތައްވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށް". ރިޒާ ވިދާޅުވިއިއެވެ.

ބޭންކާތަކަފުލް ފޯރުކޮށްދިނުމުގެ މައިގަނޑު މަގްސަދަކީ އެމްއައިބީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން އިސްލާމިކް ފައިނޭންސް ނުވަތަ އިސްލާމިކް މާލީ ހިދުމަތްތައް ލިބިގެންދިޔުންކަންވެސް ރިޒާ ފާހަގަކުރެއްވިއެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. ބޭންކުން އެއް ހިދުމަތް ހޯދައިގެން ޓަކަފުލް ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް އެވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ"، ރިޒާ ވިދާޅުވިއެވެ.

އަމަނާ ޓަކަފުލްގެ ސީއީއޯ ހަރީޒް ސުލައިމާން ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ޓަކަފުލްގެ ހުރިހާ ހިދުމަތްތަކެއް އެމްއައިބީގެ ހުރިހާ ބްރާންޗެއް މެދުވެރިކޮށް ލިބެމުންދާއިރު، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި، އެއްބަސްވުމުގެ ސަބަބުން އެއްތަނެއްގައި ތިބިގެން އެމްއައިބީ ސާވިސް އާއި ޓަކަފުލް ސާވިސް ލިބިގެންދާނެއެވެ.

ބޭންކާތަކަފުލް ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖްސް: އަމީން ފަހުމީ

އެމްއައިބީން މައުލޫމާތުދިންގޮތުގައި، ބޭންކާތަކަފުލް ހިދުމަތް އެމްއައިބީގެ މާލެ އަދި ހުޅުމާލެ ބްރާންޗްގެ އިތުުރުން، އައްޑޫ ސިޓީ ހިތަދޫ ބްރާންޗާއި، ފުވައްމުލަކު ބާރާންޗުން ލިބިގެންދާެނެއެވެ. އަދި އެމްއައިބީން މިހާރު މަސައްކަތް ކުރަމުންދަނީ އެ ބޭންކްގެ ބްރާންޗްތައް ގާއިމްކޮށްފައިވާ އެހެން ހިސާބުތަކަށްވެސް މި ހިދުމަތް ފޯރުކޮށްދިނުމަށެވެ.