އަވަށްޓެރި ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމާއެކު އެޤައުމގެ އިޤުތިޞާދަށްވެސް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. ބޮޑުވަޒީރުކަމުގެ މަޤާމުން ރަނިލް ވިކްސަރަމަސިންހަ ވަކިކޮށް، އެމަޤާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރުމާ ހަމައިން ފެށުނު ސިޔާސީ ހަލަބޮލިކަމުގެ ސިލްސިލާ އަދިވެސް ދަނީ ކުރިއަށެވެ. މިއާއެކު، އެޤައުމުގެ އިޤުތިޞާދީ ޙާލަތުވެސް ދަނީ ދަށަށް ދަމުންނެވެ.

އެގޮތުން، އަނެއްކާވެސް ސްރީ ލަންލާގެ ރުޕީސްގެ އަގު ވަނީ ދަށްވެފައެވެ. އެޤައުމުގެ މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ އެކްސްޖޭންޖް ރޭޓުގެ މައުލޫމާތުތައް ދައްކާގޮތުން، އެއް ޑޮލަރަށް 180 ލަންކާ ރުޕީސް ލިބެއެވެ. އެހެންކަމުން، އެޤައުމުގެ ރުޕީސްގެ އަގު އަނެއްކާވެސް ވަނީ ދަށަށް ގޮސްފައެވެ.

ލަންކާ ރުޕީސްގެ އަގު، ހިފެހެއްޓުމެއް ނެތި ދަށަށް ދިއުމުގެ ސަބަބުން އިޤުތިޞާދީ އެހެންވެސް މައްސަލަތަކަށް އެޤައުމުވަނީ ހުށަހެޅިގެން ގޮސްފައެވެ. އެގޮތުން، އެޤައުމުގެ އެކި ދާއިރާތަކުގައި އިންވެސްޓް ކުރަން ތިބި އިންވެސްޓަރުން ވަނީ އެފަރާތްތަކުގެ އިންވެސްޓްމަންޓްތައް މަޑު ޖައްސާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ ރުޕީސްގެ އަގު ކުއްލި ކުއްލިއަށް ބަދަލުވުން ނުވަތަ ފްލަކްޗުއޭޓް ވުން ހުއްޓުވުމަށް އެޤައުމުގެ ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދެއެވެ./

ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގޯސްވި އިޤުތިޞާދީ ޙާލަތު ދަށަށް ދިއުމާއި ފައިސާގެ އަގު ދަށްވުމުގެ އަސްލަކީ އެކްސްޕޯޓު ކުރާ މުދަލުގެ މިންވަރު ދަށްވުމާއި ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލް ނުކުރެވުމެވެ.