ދުނިޔެ އިން ވެސް ފުރަތަމަ ފަހަރަށް ކަނޑު އަޑީގައި ޔޯގާ ކްލާހެއް ބޭއްވުމުގެ ޝަރަފު ހޯދަން ދިވެހިރާއްޖެ އިން ތައްޔާރުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަނޑު އަޑީގެ ރެސްޓޯރެންޓެއް ހަދާފައިވާ ހުރަވަޅި ރިސޯޓްގެ ކަނޑު އަޑީގެ ރެސްޓޯރެންޓްގައި މި ޔޯގާ ކްލާސް ބޭއްވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ޔޯގާ ކްލާހުގައި ބައިވެރިވުމަށް ނަގަނީ 120 އެމެރިކާ ޑޮލަރެވެ. އެއް ގަޑިއިރަށް ކުރިއަށް ގެންދާ ކްލާހުގައި ޔޯގާ ކްލާސް ނަގައި ދޭނީ ޔޯގާ ކަސްރަތު ކުރުމުގެ ތަޖުރިބާކާރެއް ކަމަށްވާ ޖެސިކޯ އޮލީ އެވެ.

ހުރަވަޅީގެ 5.8 ރެސްޓޯރެންޓަކީ ވަށައިގެން މޫދުގެ އަޑި ފެންނަ ގޮތައް ބިއްލޫރިން ތައްޔާރުކޮށްފައިވާ ރެސްޓޯރެންޓެކެވެ.

ކަނޑު އަޑީގައި ފުރަތަމަ ފަހަރަށް ޔޯގާ ކްލާހެއް ބާއްވާ ޚަބަރު މީޑިއާ އިން ރިޕޯޓް ކުރުމާއި އެކު ވަރަށް ގިނަ ފަރާތްތަކުން މީސް މީޑިއާގައި ދަނީ ޚިޔާލު ފާޅުކުރަމުންނެވެ. ރާއްޖެ ފަދަ ރީތި ތަނެއްގައި މިފަދަ ކްލާހެއް ބާއްވާއިރު މި ކްލާހުގައި ބައިވެރިވެވުމަކީ ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމަށް ޔޯގާ ކަސްރަތު ކުރާ ގިނަ މީހުން މީސް މީޑިއާގައި ދަނީ ބުނަމުންނެވެ.