ނައިޓު މާކެޓު ބާއްވާނެ ފަރާތެއް ނިންމަވާނީ ސަރުކާރުން ކަމައް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޖަމިއްޔާގެ ޓްރެޝަރާ މިސްރު އާދަމް ވިދާޅުވީ މިހާރު ބާއްވަން އުޅޭ ނައިޓު މާކެޓަކީ އެ ޖަމިއްޔާގެ އެއްވެސް ބައިވެރިވުމެއް އޮތް ނައިޓު މާކެޓެއް ނޫން ކަމަށެވެ

"މިހާރު މި ބާއްވަން އުޅޭ ނައިޓް މާކެޓަކީ އަޅުގަނޑުމެންގެ އިންވޯލްމެންޓް އެއްވެސް ވަރަކަށް އޮވެގެން ބާއްވަން އުޅޭ ނައިޓް މާކެޓެއް ނޫން. އެހެންކަމުން ޕަބްލިކުން މިކަހަލަ ކަންކަމާއި ވީހާވެސް ދުރުވެ ތިބުމަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކޭ. އެއީ މިހެން ދަންނަވަން މިޖެހުނީ މީގެ ކުރިން ފަހަރެއްގައިވެސް އެބަހުރި މިފަދަ ކަމެއް ހިނގާފައި. އެފަހަރުވެސް އެތައް ބައިވަރު މީހުންގެ އަތުން ނައިޓު މާކެޓު ބާއްވާނަމޭ ބުނެ ލާރި ނަގައިގެން އެމީހުންވީ ފިލާފައި. އެމީހުން ވީ ތަނެއް އަދި އަދައް ދާންދެންވެސް ނޭނގޭ. އެފަހަރު ލާރި ނެގި މީހުންނަށް އޭގެ ރިޓާން އެއް ލިބުނީކީއެއް ނޫން" މިސްރު ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބާއްވާ ނައިޓު މާކެޓެއް އެހެން އެއްވެސް ފަރާތަކަށް ނުބޭއްވޭނެ ކަމަށާއި ނައިޓު މާކެޓު ބާއްވާނެ ފަރާތެއް ނިންމަވާނީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބާއްވާ ނައިޓު މާކެޓެއް އެހެން އެއްވެސް ފަރާތަކަށް ނުބޭއްވޭނެ، އެއީ ނައިޓު މާކެޓު ބޭއްވުމަށްޓަކައި އެބަހުރި ގަވައިދުތަކާއި އުސޫލުތަކެއް ހެދިފަ. އަޅުގަނޑުމެން މިހާރު މިދަނީ ސަރުކާރާއި މަޝްވަރާކުރަމުން. ދެން ސަރުކާރުން ޑިސައިޑް ކުރައްވާނީ ނައިޓު މާކެޓު ބާއްވާނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ތޯ ނުވަތަ އެހެން ޕާޓީއެއް އޭގައި އިންވޯލްވެގެންތޯ" މިސްރު ވިދާޅުވިއެވެ.

އަދި ސަރުކާރުން އެކަމުގައި ކޮންމެ ނިންމެވުމެއް ނިންމިޔަސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެކަމަށް އިހުތިރާމް ކުރާނެ ކަމަށްވެސް މިސްރު އާދަމް ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހުއްދަލިބިގެން ބައެއް ސްކޫލުތަކުން އަންނަނީ ނައިޓު މާކެޓުތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    ހުރިހާ ކަމެއްވެސް ކުރާނީ ސަރުކާރުން. މުއައްސަސާތައް މިނިވަންވުމާ، ސިޔާސީ ނުފޫޒުން ދުރުވުމާ، ރައްޔިތުންބާރުވެރިވުން އެއީ އިސްތިހާރުގަ އޮންނައެއްޗެހި