އދ.އަތޮޅު ރަންގަލި ފިނޮޅުގައި ހިންގަމުން އަންނަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓް ވިއްކާލައިފިއެވެ.

ރަންގަލި ރިސޯޓް ވިއްކާލީ ކޮން ފަރާތަކަށް ކަމެއް ކަށަވަރެއް ނުވެއެވެ. އަދި ރިސޯޓް ވިއްކާލި އަގުވެސް ވަނީ ސާފުވާގޮތް ނުވެއެވެ.

ރަންގަލި ރިސޯޓަކީ މޫދުއަޑީގައި ފުރަތަމަ ރެސްޓޯރެންޓެއް ހުޅުވި ރިސޯޓެވެ. އެރިސޯޓްގެ "އިތާ" ރެސްޓޯރެންޓަކީ މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ރެސްޓޯރެންޓެކެވެ.

ޓްއަރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ އދ.ރަންގަލިފިނޮޅު ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި، މިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލްއިން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އަންގަވައިދެއްވުމަށް އެދޭކަމަށެވެ.

ރަންގަލި ރިސޯޓުން ވަަނީ ދުނިޔޭގެ އެންމެ ފުރިހަމަ ރިސޯޓްގެ މަގާމު ދެފަހަރެއްގެ މަތިން ހޯދާފައެވެ.