ސްޓޭޑް ޓްރޭޑް އޯގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް 2016 ވަނަ އަހަރު ބަދަލުކުރި، ސަރުކާރުގެ މަސް ކުންފުނި، މިފްކޯ، އެސްޓީއޯގެ ދަށުން ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެސްޓީއޯގެ ދަށުގައި ބާއްވައިގެން މިފްކޯ ހިންގުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އަމާޒަކީ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނޫން، އެސްޓީއޯގެ ދަށުގައި ބާއްވައިގެން މިފްކޯ ކުރިއަށް ގެންދިއުމަކީ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މިފްކޯ އިތުރަށް ތަރައްގީ ކޮށްގެން އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުން" އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ މިފްކޯ، އެސްޓީއޯގެ ދަށުން ވަކި ކުރުމުގެ ގޮތުން ދެ ކުންފުނީގެ އިސްވެރިންނާ ބައްދަލު ވެސް ކުރައްވާފައިވާ ކަމަށެވެ.

"މިހާރު ހުރި މައްސަލަތަކާއި ކުރިއަށް ގެންދަން ބޭނުންވާ ގޮތް ޕްރޮޕޯސަލްސްއެއް ހުށަހަޅަން ވާނީ އަންގާފަ. މިހާރު މިފްކޯގެ މެނޭޖުމަންޓަށް ހުށަހަޅަންވާނީ އަންގާފަ. އެ ބޭފުޅުންނާ ދެކެވުނު ވާހަކައިގައި ރަނގަޅު ހުށަހެޅުންތައް އެބަހުރި. އެ ބޭނުންވާ އިންވެސްޓްމަންޓް ބޭރުން ނޫނީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ވެސް ހޯދައިގެން މިފްކޯއަކީ ކުރިއަށް އޮތް އަހަރުތަކުގައި ފައިދާވާ ކުންފުންޏަކަށް ހެދުން" އަމީރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރީ އެ ކުންފުނީގެ ދަރަނި ބޮޑުވެ ބަނގުރޫޓުވާން ކައިރިވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޣާދިރު މަނަދޫ

    ކިހާ ދެރަވަރު ކަމެއް..ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ކުންފުނިތައް ބައިކޮއް ބައިބަޔައް އެޅުން..އަދިވެސް އެއުޅެނީ ރައީސް ނަސީދު ދައުރުގަ ކުންފުނި ބައިކުރީމަ ލިބުނު ގެއްލުން ސަލާމަތް ނުވެގެން..ބޭނުމަކީ އެކުވެރިން ނައް އެމްޑީ ކަން ދިނުން..

  2. Anonymous

    މިފްކޯ ބަގުރޫޓް ވެގެން ނޫން. ޢެސް ޓީ އޯ އަށް ބޭނުންވާ ޑޮލަރ ހޯދުމުގެ މަޤްސަދުގަ

  3. ނުރަބޯ

    ހޫނ އަނެއްކާވެސް މިފްކޯގެ ދުވަސް ދުއްވާލަން އެއުޅެނީ.

  4. އައިމަން

    މިފަހަރު ރާއްޖޭގެ ހުރިހާ ކުންފުނިތަކާއި ހޮސްޕިޓާ ތައް އިންޑިޔާގެ މީހުންނަށް ޙަވާލުކުރެވިގެންދާނެ އެއީ މިމަހު 17 ވަނަ ދުވަސް ނޫނީ 18 ވަނަ ދުވަސް ކާރިޔަސް ގެންގޮސް މީރުކޮށް އެއްޗެއް ބޯންދީފަ ވާނުވާގަ ސޮއިކުރާނެކަމީ ފެންނަފެނުމަށް ވަރަށް ގާތްކަމެއް...