އިންޑިޔާ އިން ރާއްޖެއަށް މާލީ އެހީތެރިކަން ދޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށާއި، އެގޮތަށް އެޤައުމުން ރާއްޖެއަށް 200 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ލިބިއްޖެނަމަ 150 މިލިޔަން ޑޮލަރުގެ ސޮވެރިން ބޮންޑު ނުވިއްކާނެކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑިޔާ އިން ރާއްޖެއަށް 200 މިލިޔަން ޑޮލަރު ދިނުމަށް ނިންމާފައިވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައިކަމަށެވެ. އަދި، ނުވިއްކުމަށް ކަނޑައަޅާފައިވަނީ ބަޖެޓުގައި ޖަހާފައިވާ 150 މިލިޔަން ޑޮލަރުގެ ބޮންޑުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން، ސަރުކާރުގެ އިސް ވަފުދަކުން އިންޑިޔާ އަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު، 200 މިލިޔަން ޑޮލަރުގެ އެހީގެ ވާހަކަ މި ދަތުރުފުޅުގެ ތެރޭގައި މަޝްވަރާ ކުރައްވާފައިވެއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުން މި 200 މިލިޔަން ޑޮލަރު ދިނުމަށް އިންޑިޔާ އިން ނިންމާފައިވަނީ ސަރުކާރުން އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން، ފެނާއި ނަރުދަމާގެ މަޝްރޫޢުއާއި ޓާޝަރީ ހޮސްޕިޓަލްތަކެއް އެޅުމަށް އެހީ ހޯދަން މަޝްވަރާ ކުރައްވާފައިވެއެވެ.

އިންޑިޔާ އިން ބަޖެޓު ސަޕޯޓުގެ ގޮތުގައި ދޭ މާލީ އެހީ ދެނީ ބައިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، 200 މިލިޔަން ޑޮލަރުގެ ތެރެއިން 25 މިލިޔަން ޑޮލަރު ވަރަށް އަވަހަށް ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން އެޤައުމުން ދެއްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ސޮވެރިން ބޮންޑް ވިއްކާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު