ޕެޓްރޯލް ޝެޑްތައް 24 ގަޑިއިރަށް ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން ނިންމަވާފައިވާތީ، މިއަދުން ފެށިގެން ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑް 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ބުނެފި އެވެ.

އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ސްޓެލްކޯގެ ކައިރީގައި ހުރި ފިއުލް ޝެޑް 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ނިންމީ ރައްޔިތުންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަން ކަމަށެވެ. އަދި އެގޮތަށް ނިންމީ އެސްޓީއޯގެ އިރުޝާދުގެ ދަށުން ކަމަށް އެފްއެސްއެމް އިން ބުންޏެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވައިދު ކުރިން އޮންނަ ގޮތުން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 އިން ފެށިގެން އެންމެ ލަސްވެގެން މެންދަމު 12 ޖަހަންދެނެވެ.

އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެ އެވެ. އެކަމަކު އެއީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ވިޔަފާރީގެ ހިދުމަތްދޭ ތަންތަން 24 ގަޑިއިރަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އަމާޒްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުރުމީ

    ތިތަނުން ހަމައެކަނި ކާރަށް ޕެޓްރޯލް އެޅޭނީ. ދެން ސައިކަލް ދުއްވާ މީހުންނޯ. ޢެހެން ނޫނަސް ތީ އެހާ ރަގަޅު ކަމެއްނޫން. ޢެތާގަ ގިނައިން ތިބޭނީވެސް އަންހެން ކުދިން. ޢިބޫ ސާލިހަށް ދަންނަވަން. ހުރިހާ ރައްޔިތުން ރޭގަނޑު ހޭލާ ބައިތިއްބާފަ ދުވާލު ނިދޭނެގޮތައް ގާނޫނެއް ފާސްކުރަން. ރައްޔިތުން ޣާފިލް ކުރަން ބޭނުންވާ ސަރުކާރެއް

  2. ބޮއި ހަލާކު

    24 ގަޑި އިރަށް ހުޅުވާފައި ބަހައްޓާ، މީހުންތައް މަގުތައް މައްޗައް ގިނަ ކޮށްލާ... ހޭލަ މޭލަ އަށް ތެޅި ބާލަންވީ ނިދަންވީ ދުވާލު ރޭގަނޑު ބިރަކާއި ނުލާ މަޖާ ކުރަންވީ، ދީނުގައިވެސް ރޭގަނޑާއި ދުވާލު ލައްވަވާފައި ވަނީ ކަމެއް ވެގެން ކަން ބަޔަކު މީހުންނަށް ނޭންގެނީ ބާ

    • ނާހިން

      ޕެޓްރޯލްއަޅާ ތަންތަން 24 ގަޑިއިރަށް ހުޅުވާފަ ބެހެއްޓުމަކީ ގިނަ ބަޔަކު 24 ގަޑިއިރު ހޭލާއުޅެންޖެހޭނެ ސަބަބެއްނޫން!!! އެހެންނޫނަސް އެމީހަކަށް އެނގޭނީ ހޭލާ އުޅޭނީ ކޮންއިރަކުކަން ނޫނީ ނިދާނީ ކޮންއިރަކުކަން ޕެޓްރޯލް ޝެޑް ތަކަކީ ސަބަބެއްނޫން.!

  3. ރައީސް

    ނައިޓްލައިފް ކަމިންގ . ވެލްކަމް ޓު ޖަޒީރާ ރާއްޖެ.