ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން، ހިއްސާއަކަށް 22 ރުފިޔާ ބެހުމަށް ނިންމައިފި އެވެ.

ބީއެމްއެލްއިން މިއަދު ވިދާޅުވީ ފައިދާގެ ގޮތުގައި 118402240 (ސަތޭކައަށާރަ މިލިޔަން ހަތަރުލައްކަ ދެހާސް ދުއިސައްތަ ސާޅީސް) ރުފިޔާ ބަހަން ރުހުން ހޯދަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އަދި އެ އަދަދު ބެހުމުން ހިއްސާއަކަށް ޖެހެނީ 22 ރުފިޔާ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.

މިއަހަރު ބަހަން ނިންމާފައިވާ އަދަދަކީ ފާއިތުވި އަހަރު ބެހި ވަރަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެއް ކަަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ހިއްސާގެ ފައިދާ ބަހާނީ ހިސާބުތައް ނިންމާ ތާރީހާ ހަމައަށް ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ. ހިސާބުތައް ނިންމާ ތާރީހު އިއުލާނު ކުރާނީ އަހަރީ އާއްމު ޖަލްސާއަށް ދޭ ނޯޓިސްއާ އެކުގައެވެ.