އަވަށްޓެރި އިންޑިޔާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިޔާ (އާރްބީއައި) ގެ ގަވަރުނަރުގެ މަޤާމުގައި ހުންނެވި އުރުޖިތު ޕަޓޭލް އިސްތިއުފާ ދިނުމާ ގުޅިގެން އެޤައުމުގެ ފައިސާ، އިންޑިޔަން ރުޕީސްގެ އަގާއި އެޤައުމުން ވިއްކާ ބޮންޑުގެ އަގު ދަށްވެއްޖެއެވެ.

މިކަމުގެ ސަބަބުން އިންޑިޔާގައި އިންވެސްޓް ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކުން ސުވާލު މާކެއްގެ ތެރޭގައި ތިބިއިރު، ގަވަރުނަރު އިސްތިއުފާ ދީފައިވަނީ އަމިއްލަ ސަބަބުތަކެއް އޮތުމުން ކަމަށް ބުނެއެވެ. އެހެންނަމަވެސް، އޭނާގެ އިސްތިއުފާގެ ފަހަތުގައި ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރުގެ ނުފޫޒުކަމަށް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ.

"އެންޑީޓީވީ" އިން ބުނެފައިވާ ގޮތުގައި އިންޑިޔާ ރުޕީސްގެ އަގުވަނީ 1.3 އިންސައްތަ ދަށްވެފައެވެ.

އެޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، މީގެ މަސްތަކެއް ކުރިން ފެށިގެން، މަރުކަޒީ ސަރުކާރާއި މަރުކަޒީ ބޭންކާ ދެމެދު ވަނީ މައްސަލަތަކެއް ޖެހެން ފަށާފައެވެ. ސަރުކާރުގެ ނުފޫޒު، އާރްބީއައިގެ ތެރެއަށް އިންތިހާއަށް ވަންނަމުންދާތީ އާއި މިނިވަން މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސަރުކާރުން ފުރުޞަތު ނުދޭކަމުގެ ޝަކުވާ އެފަރާތުން ކުރަމުން ގޮސްފައިވާކަމަށްވެއެވެ.

"ބްލުމްބާގް ބިޒްނަސް" އިން ބުނެފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މަރުކަޒީ ބޭންކުގެ ތެރެއިން، ސަރުކާރުގެ ޝޯޓް ރަން ބޭނުންތައް ނުވަތަ ކުރު މުއްދަތަކަށް ފައިދާ ކުރާނެ ކަންކަން ކުރުމަށެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތުގައި ފައިދާ ކުރާނެ ނުވަތަ ލޯންގް ރަންގައި ފައިދާ ކުރާނެ ކަންކަމުގެ މަތިން ވަނީ ހަނދާން ނައްތާލާފައެވެ.

އިންޑިޔާ ސަރުކާރުން، މިފަދަ ގޮތްގޮތަށް މަރުކަޒީ ބޭންކާ ބެހެމުން ދިއުމަކީ ނުރައްކާތެރި ކަމެއްކަމަށް ގިނަ އިކޮނޮމިސްޓުން ބުނެފައިވެއެވެ. އަދި، އެމެރިކާ އިން މިހާރުވެސް އެމަންޒަރު ފެންނަމުންދާކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު