ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްެރޮގްރާމް ފުރިހަމަކުރާ ޒުވާނުންގެ ތެރެއިން 75 އިންސައްތަ ޒުވާނުން އުޅެނީ ރަނގަޅު ވަޒީފާތަކުގައި ކަމަށް ދިރާގެ ސީއީއޯ/މެނޭޖިންގް ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު ދިރާގުން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި 18 ބައިވެރީންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންނަށް ވަޒީފާ ހޯދަން ވަރަށް ފަސޭހަވާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމް ފުރިހަމަ ކުރާ 75 އިންސައްތަ ޒުވާނުން އުޅެނީ ރަނގަޅު ވަޒީފާތަކުގައިކަމަށްވެސް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

"އެންމެ ފަހުން އަޅުގަނޑުމެން ހެދި ސާރވޭއަކުން ދައްކާ ގޮތުގައިވިއްޔާ 75 އިންސައްތަ، ދިރާގުގެ އެޕްރެންޓިސްޝިޕް ޕްެރޮގްރާމް ފުރިހަމަ ކުރާ ކުދިން ހަމަ ރަނގަޅު ވަޒީފާގައި އުޅޭކަން. އާދައިގެ ވަޒީފާތަކުގައެއްނޫން. ހަމަ ރަނގަޅު ވަޒީފާތަކުގައި ލީޑިގް ޕޮސިޝަންތަކުގައި ތިބެނީ. ދެން ބަލާލަމާ އަނެއް 25 އިންސައްތަ ކުދިން. އެކުދިންނަށް ބަލާލާއިރު 25 އިންސައްތަ ކުދިން އުޅެނީ އިތުރައް ކިޔެވުމުގައި. ނޫނީ ކޮންމެވެސް އަމިއްލަ މަސައްކަތެއްގައި" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

އިސްމާއިލް ރަޝީދު ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމު މިހާތަނަށް 204 ކުދިން ވަނީ ފުރިހަމަކޮށްފަ އެވެ. އޭލެވަލް ތިން މާއްދާއިން ފާސްވާ އުމުރުން 18-25 އަހަރުގެ ކޮންމެ ޒުވާނަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަލާވެރިކަމެއް

    ފާޑު ފާޑުގެ ނަންކިޔާކިޔާފައި ރައްޔިތުން ފެލަންވީއެއްނޫން އިންޓަރ ނެޓްގެ އަގުހެޔޮކުރައްވި ރައްޔިތުންނަން ކަމެއް ކޮންދެއްޏާ