އިގްތިސާދަށް ގެއްލުން ލިބޭ ފަދަ އަމަލުތަކުން ދުރުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިލްތިމާސްކޮށްފިއެވެ.

މަސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ ދަތުރުކުރަމުންދަނީ ދުނިޔޭގެ ނިސްބަތުގައި ވެސް ފާހަގަކޮށްލެވޭ ހަލުވިމިނެއްގައި ކަމަށެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ވިޔަފާރިތަކަށާއި އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭފަދަ އަމަލުތަކުން ދުރުވެ ހުރިހާ ދިވެހިން ތިބުމަކީ އެ އެސޯސިއޭޝަނާއި އަދި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ އެދުމެއް ކަމަށެވެ.

"މި ދަނޑިވަޅުގައި ގައުމުގެ މަސްލަހަތު ދެމެހެއްޓުމަށްޓަކައި އެންމެހައި ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މި އެސޯސިއޭޝަނުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ވާހަކަ ދަންނަވަމެވެ" މަސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ގޮސްފައިވަނީ ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެރޭ ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ވަނީ ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަންގާފައެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން އަދިވެސް ދަނީ ސުޕްރީމް ކޯޓުން ސިޔާސީ ފަރާތްތައް ދޫކޮށްލަން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު