ދައުލަތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާ ހަ ކުންފުންޏަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ޖީއެސްޓީގެ ގޮތުގައި 4.6 މިލިއަން ރުފިޔާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ތެއި-ހައި ސަރވިސް ޕްރައިވެޓް ލިމިޓެޑާއި، އޯޝަން ޑައިވިންގ ޑެސްކް ޕްރައިވެޓް ލިމިޓެޑާއި، އޭ.އެކްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ސްޓޭންޑް ސްޓީލް ޕްރައިވެޓް ލިމިޓެޑާއި، އަޙްމަދު މުފީދު އަދި އުމަރު އިސްމާއީލްގެ މައްޗަށެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ތެއި-ހައި ސަރވިސް ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީއާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި، އޯޝަން ޑައިވިންގ ޑެސްކް ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީއާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި 895814 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި، އޭ.އެކްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީއާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި 588568 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި އަދި ސްޓޭންޑް ސްޓީލް ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީއާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި 168079 ރުފިޔާ ހަތަރު މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ.

މީގެ އިތުރުން އަޙްމަދު މުފީދުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖީއެސްޓީއާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. ހަމައެއާއެކު ޖީއެސްޓީއާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި 322344 ރުފިޔާ ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އުމަރު އިސްމާއީލްގެ މައްޗަށްވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

ޖީއެސްޓީގެ ގޮތުގައި 4.6 މިލިއަން ރުފިޔާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރިއިރު، ވިތް ހޯލްޑިންގ ޓެކްސް އަދި އެ ފައިސާއާ ގުޅޭ ޖޫރިމަނާ އަދި އިންޓެރެސްޓްގެ ގޮތުގައި 70 މިލިއަން ރުފިޔާ ދެއްކުމަށް މެގަ މޯލްޑިވްސް އެއާލައިން ހިންގަމުންދާ މެގަ ގްލޯބަލް އެއާރ ސާވިސް މައްޗަށްވެސް ނޮވެމްބަރ މަހުގެ ފަހުކޮޅުގައި ހުކުމް ކޮށްފައިވެއެވެ.

މީރާއަކީ ދައުލަތަށް ލިބޭ އާމްދަނީ ފައިސާ ދެއްކުމުގެ އެންމެހާ ކަންކަން ބަލަހައްޓާ މިނިވަން މުއައްސަސާއަކަށްވާއިރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު އެކަނިވެސް ދައުލަތަށް 985 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނިލޯ

    ޖަވައިދާ ހިލާފަށް ސައިކަލް ދުއްވާގެން 1 ލައްކަ 2 ލައްކަ ޖޫރިމަނާވެފަ އެ ފައިސާ ނުދައްކާ ހަމަ އުޅެންވީ މީރާއިން އެމީހެއްގެ އަތުން އެފައިސާ ހޯދަން ކަމެއްކުރޭބާ؟؟؟ އެ ހޯދަން ދައުވާ ނުކުރާކަމުގަ ވަނީނަމަ ކޮބާތޯ ޖޫރިމަނާ ކުރުމުގެ ބޭނުމެއް...؟؟

  2. ޜައްޔިތު

    ރައްޔިތުން ފެލަނީ....... ބޮޑު ވަބާ އެއް.... މާތް ﷲ މިވެރިންނަށް ނާކާމިޔާބު ދެއްވާށި... އާމީން

    • ނުރަބޯ

      ރައްޔިތުން ފެލަނީކީ ނޫން. ޖީ.އެސް.ޓީގެ ގޮތުގައި ރައްޔިތުން އަތުން ނެގޭ ފައިސާއަކީ ސަރުކާރަށް ދޭންޖެހޭ އެއްޗެއް. ވިޔަފާރިވެރިން އަންބޮޑިއަށްލައިގެން ކާލަންޖެހޭ އެއްޗެއް ނޫން.

      • ޢަނީ

        ކޮބާ ދަލީލަކީ އެއީ ދައްކަން ޖެހޭ އެއްޗެއްކަން. އިސްލާމުންގެ މުދަލުން ޓެކްސް އެއްނުނެގޭނެ. މީ ހަމަސީދާ މަގުފޭރުން