އެމެރިކާގެ އެޕަލް ކުންފުނިން އުފައްދާ ވިއްކަމުން އަންނަ އައިފޯން ސީރީޒްގެ ފޯނުތައް، ޖަރުމަނުވިލާތުގައި ވިއްކުން މަނާކޮށްފިއެވެ. ޖަރުމަނުގައިވެސް މި ފޯނު ވިއްކުން މަނާކޮށްފައިވަނީ ކުއަލްކޮމް އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެޕަލް ކުންފުނިން ބުނެފައިވަނީ ޖަރުމަނުގެ ކޯޓަކުން ނިންމާފައިވާ މި ނިންމުން އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުން އަންނަކަމުގައެވެ. މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި އޮންނަ ދުވަސްވަރު އައިފޯން 7 އާއި އައިފޯން 8 ގެ މޮޑެލްތައް ވިއްކުމުގެ މަސައްކަތް ކުރަން ހުއްދަ ލިބޭތޯ މަސައްކަތް ކުރާނެކަމުގައެވެ.

ކުއަލްކޮމް އިން އެޕަލްއާ ދެކޮޅަށް ކޯޓުތަކުގައި ޤާނޫނީ ގޮތުން ހަނގުރާމަ ކުރަމުން އަންނަތާ އަހަރެއްހާ ދުވަސްވަނީ ވެފައެވެ. އެކުންފުނިން އެޕަލްއާ ދެކޮޅަށް ދައުވާ ކުރަން ކޯޓުތަކަށް މައްސަލަ ވައްދާފައިވަނީ ކުއަލްކޮމް އިން ހޯދާފައިވާ ޕޭޓަންޓް އެއް، އެކުންފުނީގެ ހުއްދަ ނެތި އެޕަލް އިން ބޭނުން ކުރި މައްސަލައެއްގައެވެ.

އެކުންފުނިން ބުނާގޮތުގައި ޕޭޓަންޓް އުފެއްދުމެއް ބޭނުންކުރުމަށްފަހު އެކުންފުންޏަށް ރޯޔަލްޓީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެޕަލް އިން ދީފައި ނުވެއެވެ. ހަމައެހެންމެ، އެކުންފުނީގެ ބައެއް ސިއްރުތައް ވަގަށް ނަގައިގެން އެޕަލް އިން ވަނީ ވާދަވެރި އިންޓެލް ކުންފުންޏަށްވެސް ދީފައެވެ.

މިކަމާ ގުޅިގެން އެޕަލް އިން ބުނެފައިވަނީ ކުއަލްކޮމް އިން މަސައްކަތް ކުރަމުން ދަނީ އަސްލު މައްސަލައިގައި ކުރިއަށް ދިއުމަށް ނޫންކަމަށާއި އޭގެ ބަދަލުގައި އެހެން މައްސަލަތަކެއް އުފެއްދުމަށްކަމަށެވެ.

އިންޓެލް ކުންފުނިން ބުނެފައިވަނީ ކުއަލްކޮމް އިން ބޭނުންވަނީ ފިކުރީ މުދަލުގެ ޙައްޤުތައް ނުވަތަ އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ހިމާޔަތް ކުރަން ނޫންކަމަށާއި ބޭނުންވަނީ މާކެޓުން ވާދަވެރި ކުންފުނިތައް ނެރެލާ މޮނޮޕޮލީ ވިޔަފާރިއަކަށް ހެދުންކަމަށެވެ.

ދާދިފަހުން، ޗައިނާގައިވެސް ވަނީ އައިފޯން ވިއްކުން ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ތި މުޅި ހުޅަނގު ޓެކްނޮލޮޖީގެ ގތުން ކުރިއެރީ ވައްކަން ކޮށްގެން ޤިސްތަންތީނިއްޔާ އިން ވައްކަން ކޮށްގެން