ރާއްޖޭގެ ރިސޯޓެއްގެ މޫދު އަޑީގައި ސްރީލަންކާގެ ކުންފުންޏަކުން ރެސްޓޯރެންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ލަންކާގެ ކުންފުނިން ހަދާ މޫދު އަޑީގެ ރެސްޓޯރެންޓް ހުންނާނީ ރާއްޖޭގެ އުތުރު މާފަރު އައިލެންޑް ރިސޯޓްގައެވެ. ވަރަށް އަވަހަށް އެރިސޯޓް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ބުނެއެވެ. ނަމަވެސް ރިސޯޓް ހިންގާ ކުންފުނީގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ރެސްޓޯރެންޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ ލަންކާގެ އޭކޭޑީއޭ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ލަންކާ ކުންފުނިން ރެސްޓޯރެންޓް ތައްޔާރުކޮށްފައި ވަނީ ސްރީލަންކާގެ ކޮލަމްބޯ ޑޮކްޔާޑްގައެވެ. 220 ޓަނުގެ ބަރުމިން ހުންނަ ރެސްޓޯރެންޓަށް 1.5 މިލިއަން ޑޮލަރު ވަނީ އިންވެސްޓް ކޮށްފައެވެ.

ރެސްޓޯރެންޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރާ ކުންފުނީގެ ޗެއާމަން ދިޔަބަލަނަގް ވިދާޅުވީ ރެސްޓޯރެންޓް އުފެއްދުމުގައި ބޭނުން ކޮށްފައި ވާނީ ލަންކާގެ ފަންނީ ތަޖުރިބާކާރުންގެ ވިސްނުން ކަމަށެވެ.

"މިއީ ކޮޕީ ކޮށްފައިވާ މަސައްކަތެއް ނޫން. މިއީ އޮރިޖިނަލް ލަންކާގެ މަސައްކަތެއް. ލަންކާ މީހުން އެންމެ ތިރިން ފަށައިގެން އެންމެ މައްޗާއި ހަމައަށް މަސައްކަތް ކޮށްފައިވާ މަޝްރޫޢުއަކަށް މިމަޝްރޫޢު ވެގެންދާނެ." ޗެއާމަން ވިދާޅުވިއެވެ.

މިރެސްޓޯރެންޓް މިހަފްތާގައި ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ލަންކާގެ އޭކޭޑީއޭ ކުންފުނިން ކުރިއަށްގެންދާ ކަނޑުއަޑީގެ މިފަދަ ފަސްވަނަ މަޝްރޫޢުއެވެ. އެކުންފުނިން ބުނީ ރާއްޖޭގައި ފުރިހަމަ މިކުރެވޭ މަސައްކަތާއި އެކު ބޮޑެތި އިތުރު ޕްރޮޖެކްޓްތައް އެކުންފުންޏަށް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

"އަޅުގަނޑުމެން މިހާރު ތައްޔާރުވެގެން މިތިބީ ބޮޑެތި ޕްރޮޖެކްޓްތަކަށް. ރާއްޖޭގައި ކުރިއަށް މިގެންދާ ޕްރޮޖެކްޓް ނިމުން ޔޫރަޕާއި އެހެން ގައުމުތަކުން ވެސް ޕްރޮޖެކްޓްތައް ލިބޭނެ ކަމަށް އުއްމީދު ކުރަން." ޗެއާމަން ދިޔަބަލަނަގް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި މިހާރު ވެސް މޫދު އަޑީގެ ރެސްޓޯރެންޓްތައް އެބަހުއްޓެވެ. އަދި ދާދިފަހުން ވަނީ މޫދު އަޑީގެ ކޮޓަރިއެއް ވެސް ރާއްޖޭގެ ރިސޯޓެއްގައި ހުޅުވާފައެވެ. އެތަންތަނަށް ފަތުރުވެރިންގެ ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާނާ

    ތި ގެނައިތާ ކޮންދުވަހެއް.

  2. ދަތްދޫނި

    ތިޔަ ކަމުގެ މުގުލަކީ ކާކު ކަން އެނގޭތަ!