ބްލޭޒަން އިންކޯޕަރޭޓެޑް އިން "މޯލްޑިވްސް ބިޒްނަސް ޓޯކްސް"ގެ ނަމުގައި މަހަކު އެއްފަހަރު ބާއްވާ ސިލްސިލާ ކޮންފަރެންސުތައް ލޯންޗުކޮށްފިއެވެ.

މޯލްޑިވްސް ބިޒްނަސް ޓޯކްސްގެ އަމާޒަކީ ވިޔަފާރިވެރިންނާއި އެގްޒެކެޓިވުންނާއި ސިޔަސާތު އެކުލަވާލާ މީހުން އެއްތަނަކަށް ގެނެސް މަޝްވަރާކޮށް، ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށާއި ސިޔާސަތު އެކުލަވާލުމުގައި، އާ ހިޔާލުތަކެއް ނެރޭނޭ ޕްލެޓްފޯމެއް އުފެއްދުމެވެ. ކޮންމެ މަހަކުވެސް "ޓޯކްސް" ކުރިއަށްދާނީ ވަކި މައުލޫއަކަށް ކަމަށް ބްލޭޒަންއިން ބުނެފައިވެއެވެ.

"އަމާޒަކީ ސްޓޭކްހޯލްޑަރުންނަށް، އެއްތަނެއްގައި ވާހަކަ ދައްކައި މަޝްވަރާކޮށް، މައުލޫމާތު ބަދަލުކުރާނޭ ޕްލެޓުފޯމެއް ގާއިމް ކުރުން. އެއީ އެފަދަ ޕްލެޓުފޯމަކީ ވިޔަފާރިތަކާއި ޕޮލިސީ އެގްޒެކެޓިވުންނަށް ގޮންޖެހުންތައް ކަނޑައްތުކޮށް، ކުރިއަރަމުން އަންނަ އިންޑަސްޓްރީތަކަށް ފުރުސަތުތައް އުފެއްދުމަށް މުހިންމު ޕްލެޓުފޯމަކަށް ވާނެތީ،" ބްލޭޒަންގެ ސީއީއޯ ހަސަން ހިލްމީ ވިދާޅުވި އެވެ.

ކޮންފަރެންސް ސްޓައިލްގެ އިތުރުން އިސް ފަރާތްތަކުގެ ޓޯކް ޝޯތަކާއި، ޕެނެލް ޑިސްކަޝަންތައްވެސް "ބިޒްނަސް ޓޯކްސް"ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް އިންޑަސްޓްރީގެ މައުލޫއަށް އަންނަ މަހު ބާއްވާ ފުރަތަމަ "ޓޯކްސް" އޮންނާނެއެވެ.

ބްލޭޒަން އަކީ މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެކެވެ. ވިޔަފާރީގެ ދާއިރާގައި ބާއްވާ އެވޯޑު ހަފްލާ، މޯލްޑިވްސް ބިޒްނަސް އެވޯޑްސް ބާއްވަނީ އެ ކުންފުނިންނެވެ. މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އެ ކުންފުނިން މަޖައްލާއެއް ވެސް ނެރެމުން ދެއެވެ.

ކޮންމެ މަހަކު "ބިޒްނަސް ޓޯކްސް" ކުރިއަށް ގެންދިޔުމަށްފަހު ކޮންމެ އަހަރު އެއްފަހަރު ހުރިހާ މައުލޫއަކަށް ވާހަކަ ދެއްކާނެ އޯޕަން ކޮންފަރެންސެއް ބޭއްވޭނެ ކަމަށް ބްލޭޒަންއިން ބުނެފައިވެއެވެ.