ސައޫދީ އަރަބިއްޔާގެ ފަތުރުވެރިޔަކު މި އަހަރު ރާއްޖެ އަށް އައި ފުރަތަމަ ފަތުރުވެރިޔާގެ ގޮތުގައި ހޮވިއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ހެނދުނު އޮމާން އެއާގެ ޑަބްލިއުވައި 381 ފްލައިޓުން ރާއްޖެ އައި މި އަހަރުގެ ފުރަަތަމަ ފަތުރުވެރިއެއްގެ ގޮތުގައި ހޮވިފައިވަނީ ސައޫދީ އަަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ ހާލިދްގެ ދެމަފިރިން އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އާއިލާއާ އެކުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

ވީއައިއޭއިން ހާލިދުގެ އާއިލާއަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

ހާލިދުއަކީ 2019 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާގެ ގޮތުގައި ހޮވުމާއެކު އޭނާއަށް ވަނީ ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުވެސް ދީފައެވެ.

ހާލިދުއަށް ވަނީ އޮމާން އެއާއިން ރާއްޖެ އައުމަށް ދެކޮޅު ޓިކެޓު ދީފަ އެވެ. އަދި އާވީ މޯލްޑިވްސް ރިސޯޓުން ވަނީ ހާލިދުގެ އާއިލާއަށް ހަތް ދުވަހުގެ ޗުއްޓީ ޕެކޭޖެއް އެރިސޯޓުން ދީފައެވެ.