ގެސްޓް ހައުސް ވިޔަފާރި ހިންގާ ހުރިހާ ރަށަކަށް ވެބްސައިޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ، ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ހިމެނޭ ގެސްޓްހައުސްތަކުގެ ވައުދާއި ގުޅޭ ގޮތުން ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރ މަލީހު ވިދާޅުވީ ގެސްޓް ހައުސް ހިންގާ ރާއްޖޭގެ ކޮންމެ ރަށަކަށް، އެރަށަކާ ގުޅޭ ވެބްސައިޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ލިބިފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރި ދުވަހުން ފެށިގެން ވެބްސައިޓްތައް ޑިޒައިންކޮށް ހެދުމުގެ މަސައްކަތްތައް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.

"ހުރިހާ ރަށަކަށް ބޭނުންވާ ވެބްސައިޓްތައް ހެދުން، ވެބްސައިޓްތައް ހެދުމުގައި އަޅުގަނޑުމެން ބަލާނީ އެ ޔުނިފޯމެޓީ ހުރިހާ ރަށަކަށް އެއްގޮތް، ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކެއްގައި ހުރީ ވަރަށް ތަފާތުކޮށް، އަދި ހޯސްޓް ކުރުން ވެސް އެކި އެކި ދިމަދިމާލުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ވެބްސައިޓް ހެދުމުގައި ވަރަށް ގިނަ މައުލޫމާތުތަކެއް ބޭނުންވާ ކަމަށާއި ކޮންމެ ރަށެއްގައި ހިމެނޭ އާސާރީތަންތަނާއި ޓޫރިސްޓް ޑެސްޓިނޭޝަންތަކާއި ގެސްޓްހައުސްތަކާއި ކައުންސިލާބެހޭ މައުލޫމާތާއި ރަށުގެ އާބާދީއާ، ރަށަށް ހާއްސަވާ ކަންތައްތަކާއި ބަންދަރާ މިހެން ގޮސް ހުރިހާ ކަމެއް ވެބްސައިޓްގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ، ވެބްސައިޓްގެ ޑޮމެއިން ނަމާއި ހުރިހާ ކަމެއްވެސް ކަނޑައަޅާނީ އެމިނިސްޓްރީން ކަމަށާއި ވެބްސައިޓްތައް ހެދުމަށްފަހު ހަވާލު ކުރާނީ ކޮން ފަރާތަކާތޯ ނިންމާފައިނުވާ ކަމަށެވެ. ވެބްސައިޓް ބެލެހެއްޓުން ކައުންސިލް ނުވަތަ ޓޫރިޒަމް މިނިސްޓްރީއަށް ހަވާލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، މުސްތަގުބަލުގައި ވިސްނުން ހުރީ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ވެބްސައިޓްތައް ހޯސްޓް ކުރުން އެންސީއައިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިނބޫ

    މިސަރުކާރުން މުޅިންވެސް ކުރާނީ މަކަހަލަ ކައްޕަޅި ވައުދު. ނިކަން ގަޓު ހުރިއްޔާ ބާރު ސްޕީޑުގައި މެގަ ޕްރެޖެކްޓްތައް ހިންގާލަބަލަ.