ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަކީ އެއް ދާއިރާއަށް ވުރެ ގިނަ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެވެ. އެއް ދާއިރާއަށްވުރެ ގިނަ ދާއިރާއިން ކުރިއެރުންތައް ހޯދަމުން އަންނަ ކުންފުންޏެވެ. ފުޑް އެންޑް ބެވަރެޖް، ބްރޭންޑް ފްރެންޗައިޒިންގ އަދި އިވެންޓް މެނޭޖްމަންޓަކީ މި ކުންފުނިން ހަރަކާތްތެރިވަމުން އަންނަ ދާއިރާތަކެވެ. ހަމައެހެންމެ، ނަން މަޝްހޫރު ނިއުޕޯޓް ބްރޭންޑާއި، އިވެންޓް ކޯ، ޗާ ޓައިމް އަދި ރީތި ކެފޭ އަކީ މުޅިންވެސް މި ކުންފުނީގެ ކުޑައިގެ ދަށުގައި ހިމެނޭ ތަންތަނެވެ.

ކުންފުންޏެއް ކުރިއަރާ ދިއުމުގައި އެތައް ސަބަބެއް ވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ ކުންފުނީގެވެސް އެންމެ އަގުބޮޑު ރައުސްމާލުކަމުގައިވާ މުވައްޒަފުންނެވެ. ސްޓްރާޑާގެ ކާމިޔާބީގެ އެއް އަސްލަކީވެސް އެއީއެވެ. ވަކީން ޚާއްޞަކޮށް މުވައްޒަފުންނާއި މެދުގައި ބަހައްޓާ ޚާއްޞަ ސަމާލުކަމަކީ ކާމިޔާބީގެ ސިއްރުކަމުގައި ނުބުނެވި ނުދާނެއެވެ.

ސްޓްރާޑާގެ އައުޓްލެޓުތަކުގައި ސަރވިސް ޗާޖުގެ ގޮތުގައި ނަގާ 10 އިންސައްތައަކީވެސް މުވައްޒަފުންގެ މެދުގައި ބަހާ އެއްޗެކެވެ. މިއީ މުސާރައިގެ އިތުރުން މުވައްޒަފުން ލިބޭ އިތުރު މާލީ އެހީއެކެވެ.

އެޑްމިން އެސިސްޓަންޓެއްގެ ގޮތުގައި ސްޓްރާޑާގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 26 އަހަރުގެ އައިމިނަތު ބުނާ ގޮތުގައި ބައެއް މަސްމަހު، މުސާރައިގެ އިތުރުން ސަރވިސް ޗާޖުގެ ގޮތުގައި މަހަކު 2000 ޑޮލަރާއި 3000 ޑޮލަރާ ދެމެދުވެސް ލިބެއެވެ. އަދަދު ބިނާވެގެންދަނީ އެމަހެއްގައި ކުރި މަސައްކަތުގެ މައްޗަށެވެ.

ސްޓްރާޑާ މޯލްޑިވްސްގެ އެމްޑީ ރަސްމިއްޔާތެއްގައި އިނާމަކާއި ހަވާލުވެގެން
ސްޓްރާޑާ މޯލްޑިވްސްގެ އެމްޑީ ރަސްމިއްޔާތެއްގައި އިނާމަކާއި ހަވާލުވެގެން

ރާއްޖޭގެ މުޅި އިޖުތިމާޢީ އިޤުތިޞާދީ މަންޒަރު ބަދަލުކޮށްލުމަކީ ސްޓްރާޑާގެ އެންމެ ބޮޑު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އެކުންފުނިން މިހާރުވެސް ވަޒީފާ ދިނުމުގައި ދިވެހީންނަށް އިސްކަން ދެއެވެ. މިކަން މިހާރުވެސް ހާމަވަނީ، ކުންފުނީގައި ތިބި 135 މުވައްޒަފުންގެ ތެރެއިން އަޣުލަބިއްޔަތަކީ ދިވެހީންކަމުގައިވުމެވެ.

ޓްރެއިނީ ޝެފެއްގެ ގޮތުގައި ނިއުޕޯޓުގައި މަސައްކަތް ކުރާ އުމުރުން 19 އަހަރުގެ ސަރާ ދެކޭގޮތުގައި މިއީ އޭނާއަށް މިހާތަނަށް ލިބުނު އެންމެ "ސަޅި" މަސައްކަތުގެ ތަޖުރިބާއެވެ.

"ބަދިގޭގައި މަސައްކަތް ކުރާ މުވައްޒަފުން ވަރަށް އެހީތެރިވޭ. މިއީ ހަމައެކަނި ވަޒީފާގެ ފުރުޞަތެއްގެ އިތުރުން މިއީ ބަދިގޭގައި މަސައްކަތް ކުރާ އެންމެންނާއެކު އަހަރެންނަށް އެތައް ތަޖުރިބާއަކާއި ފިލާވަޅެއް ދަސްކޮށްދޭ ކަމަކަށްވަނީ ވެފައި." ސަރާ ބުންޏެވެ.

މުވައްޒަފުންނާ ގުޅުހުންހުރި ކަންކަން ކޮނޑު އަޅައިގެން ހުރި ކުންފުނީގެ އެޗްއާރް މެނޭޖަރު، އުމުރުން 29 އަހަރުގެ ޒިލާ ދެކޭގޮތުގައި ކުންފުނިން ވަނީ އޭނާގެ ކިބައިގައި ހުރި ހުނަރުތައް ދެނެގަނެ، އެކަން ކުރިއެރުވުމަށް އެހީތެރިވެދީފައެވެ. އެންމެ ފުރަތަމަ ނިއުޕޯޓު ހުޅުވުނުއިރު އެތަނުގައި ވެއިޓަރެއްގެ ގޮތުގައި ފެށި ދަތުރުން މިއަދު މި ހިސާބަށް އާދެވިފައި ހުރިއިރު، މިއީ ކުންފުނިން ދިން ޕްރޮމޯޝަންތަކުގެ ނަތީޖާއެވެ. ކުންފުނިން ވަނީ އޭނާ އިންޑިޔާ އަށް ފޮނުވާ، މެނޭޖްމަންޓް ދާއިރާގެ ތަމްރީނުތައް ފޯރުކޮށްދީފައެވެ.

މި ކުންފުންޏަކީ މުވައްޒަފުންގެ ބޭނުންތަކަށް އެތައް ގޮތަކުން ވިސްނާ ކުންފުންޏެއްކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. ކެރިފޯރުންތެރިކަން ނެތް މުވައްޒަފުންނަށް މިހާރުވެސް މި ކުންފުނިން ދަނީ އެކޮމޮޑޭޝަން ފޯރުކޮށްދެމުންނެވެ. ދޭސީންނާއި ބިދޭސީން ތަފާތު ކުރުމެއް ނެތި މި ކަން ކުރަމުން އަންނައިރު މަހު މުސާރައިގެ ބޭރުން މުވައްޒަފުން ލިވިންގ އެލަވަންސް އެއްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ސްޓްރާޑާގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ރީތި ކެފޭ އަކީ އާއްމުންނަށް ހުޅުވާލެވިފައިވާ ތަނަކަށްވުރެވެސް އިތުރު ތަނެކެވެ. މި ތަނަކީ މުވައްޒަފުންގެ ކެންޓީނެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ ތަނަކަށްވާއިރު މި ތަނުން މުވައްޒަފުންނަށް ފޯރުކޮށްދޭ ކެއިންބުއިމަކުން އިތުރު ފައިސާ ނުނަގައެވެ. މިއީ މުވައްޒަފުންނަށް އޮތް އަގު ހެޔޮ ތަނެކެވެ.

ވަރުގަދަ އަޒުމަކާއި ނުގުޑާފަދަ ހިތްވަރާއެކު މި ކާމިޔާބާ ހަމައަށް ވާސިލުވުމުގައި ހުރިހާ މުވައްޒަފުންނާއެކު މަސައްކަތް ކުރަމުން ދަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މަލަކާ އަބްދުލް ޙަކީމެވެ. އުމުރުން އެންމެ 27 އަހަރުގެ މަލަކާ އަކީ އެތައް ދާއިރާއަކުން ތައުލީމު ހާސިލު ކުރައްވާފައިވާ ހީވާގި ކަނބަލެކެވެ. އާޓް އެންޑް ޑިޒައިންގެ ދާއިރާއިން ފައުންޑޭޝަން ހައްދަވާފައިވާއިރު، ކަލިނަރީ އާޓްސްގެ ރޮނގުން ވަނީ ޑިޕްލޮމާ އެއް ހާޞިލު ކުރައްވާފައެވެ. އެއަށްފަހު ޑިގްރީ ހާޞިލު ކުރައްވާފައިވަނީ އެކައުންޓިންގ އެންޑް ފައިންނޭންސްގެ ދާއިރާ އިންނެވެ.

ރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއަކީ ފިރިހެނުންގެ ބާރުގެ ދަށުގައި އޮތް ދާއިރާއެއްކަމުގައިވިޔަސް، މަލަކާ އަކީ މި ރޮނގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މަދު ކަނބަލުންގެ ތެރެއިން އެކަކެވެ.

ކުންފުންޏާމެދު މަލަކާގެ ތަޞައްވުރަކީ މިއީ 100 އިންސައްތަ ދިވެހިންނާއެކު ކުރިއަށް ގެންދާ ކުންފުންޏަކަށް ވުމެވެ. އޭނާގެ އެދުމަކީ ސްޓްރާޑާގެ ވަޒީފާތަކަށް ދިވެހިން ކުރިމަތިލުމެވެ.