ލަކީ ހިޔާ މޯލްޑިވިސް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓްތައް އެޅުމުގެ މަޝްރޫއު އިފްތިތާހު ކޮށް އެޕާޓްމެންޓްތައް ވިއްކަން ފަށައިފިއެވެ.

މިއަދު މާބްލް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިޔާތެެއްގައި މި މަޝްރޫއު ރަސްމީކޮށް ފައްޓަވާދެއްވީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ލަކީހިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ނިންމާފައިވާނީ 281 ކޮންޑަމީނިއަމްގެ ހައުސިން ޔުނިޓެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މާލޭގައި މިހާރު ރައްޔިތަކަށް ބޯހިޔާވަހިކަން ދޭނެ ތަންކޮޅެއް ނެތް ކަމަށާއި މިހާރު ހުޅުމާލެއިން ނޫން ގޮތަކަށް ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ނެތް ކަމަށެވެ. ޝަމާއު ވިދާޅުވީ ލަކީ ހިޔާއިން ހާއްސަކޮށް އަމިއްލަ ކުންފުންޏަކުން މިފަދަ މަޝްރޫއެއް ފައްޓަވާތީ އުފާކުރައްވާ ކަމަށެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ލަކީހިޔާ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ހަސަން ވަހީދު ވިދާޅުވީ މިއަދާއި މާދަމާ ފްލެޓަށް ބުކިން ހެއްދުން މާބުލް ހޮޓެލްގައި ކުރިއަށް ގެންދާނެކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް އަޅުގަނޑުމެން ވަކި އަދަދެއްގެ ފްލެޓް ވިއްކާނަން 20 އިންސައްތް ޑިސްކައުންޓްގައި. އަދި އެ ފްލެޓްތައް ވެގެން ދާނީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ލިބޭ ސެމީ ލަގްޒަރީ އަދި ލަގްޒަރީ ފްލެޓްތަކަށް،" ހަސަން ވަހީދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝަމާއު ޝަރީފް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިއަދުގެ ރަސްމިއްޔާތުގައި ޝަމާއު ޝަރީފް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ލަކީ ހިޔާއިން މައުލޫމާތު ދިން ގޮތުގައި ފްލެޓްތައް ގަތުމަށްޓަކައި ބުކިން ފީގެ ގޮތުގައި ދައްކަން ޖެހެނީ 50000 ރުފިޔާއެވެ. އެ ކުންފުނިން ވިދާޅުވީ މި ފްލެޓްތައް ބޭންކްތަކާއި ލީސިން ކުންފުނިތައް މެދުވެރިކޮށް ވެސް ގަނެވޭނެ ކަމަށާއި ފްލެޓްތައް ބުކްކުރުމަށް ފަހު އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރެވޭނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 15 ފަންގިފިލާގެ މި ކޮންޑަމީނިއަމްގައި 22 ވައްތަރެއްގެ ފްލެޓް ހިމެނެއެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ އެޕާޓްމެންޓުން ފެށިގެން ތިން ކޮޓަރީގެ އެޕާޓްމެންޓް އަދި ޕެންޓް ހައުސް ވެސް ހިމެނެއެވެ. ފްލެޓްތަކުގެ އަގުތައް އުޅެނީ އެއް މިލިއަން ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިބެއްޔާ

    ތިތާގެ ވެބަސައިޓް ޖަހާލާނަމަ ހާދަ ރަނގަޅޭ..

  2. ރަޝީދު

    ފްލެޓްތައް ވަކިވަރަކަށް ހަދާފައި ނޫނީ ފްލެޓް ނުވިއްކޭ ގޮތަށް ހަދަން އެބަޖެހޭ. އެހެންނޫނިއްޔާ ވާގޮތަކީ، ފްލެޓް އަޅަން ނުފެށި އެންމެފަހުން ލާރިކޮޅުވެސް ނުލިބޭތަން މިއަންނަނީ. މިއީ ވަރަށް ވިސްނަން ވެއްޖެކަމެއް

  3. ސޯދިގު

    ލަކީ ހިޔާއަކީ މި އިންޑަސްޓްރީގަ އިތުބާރު ހިފޭ ކުންފުންޏެއް. ޕޭޕަރ ކުންފުންޏެއް ނޫން. ހާސްނުވޭ. ރަނުގެ ފުރްސަތެއް މީ. އަވަހަށް ބައްލަވައިގަނޭ. ގިނަ ފްކެޓު ތަކަކީ ސެމީ ލަގްޒަރީ އެކަމަކު އަގު އަސާސީ! ބިލޯ 2 މިލިޔަން