މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަޙީދު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ހަމީދާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންދަވާފައިވަނީ މިއަދުގެ ވަގުތެއްގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގެ ތެރެއިން، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ޕްރޮމޯޓް ކުރުމާ ބެހޭގޮތުންނެވެ. އެހެންނަމަވެސް، އެކަމުގެ އިތުރު ތަފްޞީލުތަކެއް މިނިސްޓްރީ އިން ދީފައި ނުވެއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، މި ބާވަތުގެ ފަތުރުވެރިކަމަކީ ރާއްޖެއަށް ވަރަށް ފައިދާ ހުރި ވިޔަފާރިއަކަށްވާނޭކަމަށް އެތައް ފަރާތަކުން ދަނީ ބުނަމުންނެވެ. މީގެކުރިންވެސް، މިކަމަށްޓަކައި މަޝްވަރާތަކެއް ކުރެވިފައިވީނަމަވެސް، ޢަމަލީ ސިފައެއް އައިސްފައި ނުވެއެވެ.

ދުނިޔޭގައި ހުރި އިސްލާމީ ވަރަށް ގިނަ ޤައުމުތަކެއްގައި އަދި އިސްލާމީ ނޫން ބައެއް ޤައުމުތަކުގައިވެސް އިސްލާމިކް ޓޫރިޒަމްގެ މޮޑެލަށް ދަނީ ވިޔަފާރި ކުރަމުންނެވެ. އަދި މިއީ ފަތުރުވެރިކަމުގެ ނިޝް މާކެޓްތަކުގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަ ބާވަތެވެ.

މި މޮޑެލް އަށް ފަތުރުވެރިކަން ކުރާއިރު، ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީފަދަ ތަންތަނުން ބަނގުރަލާއި އޫރު މަހުގެ ބާވަތްތައް އަދި އެނޫންވެސް ހަލާލު ނޫން އުފެއްދުންތަކެއް ނުލިބޭނެއެވެ. ހަމައެހެންމެ، މިއުޒިކާއި ހިލޭ އަންހެނުންނާއެކު ހިންގާ މަސާޖު ޕާލާތަކެއްވެސް ނުހުންނާނެއެވެ. އެހެންނަމަވެސް، މިއީ ވިޔަފާރީގެ ގޮތުންވެސް އެންމެ ފައިދާ ބޮޑު އެއް ބާވަތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހެރުވައް

    އިސްލާމިކް ކޮން ޓުވަރިޒަމެއް އޮންނަންވީ ؟ ބޮޑު ޖުއްބާލާފައި ތަސްބީހަފަތި އަމުނަންތަ އައިސް ތިބެންވީ؟

  2. Anonymous

    ނާސިގެއެއްވެސް އަޅަންވީ އިސްލާމިކް ކޮށް