މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ފަސެންޖަރުންނަށް އެއާޕޯޓްތަކުގައި ގްރައުންޑް ސާވިސް ދިނުމުގައި މަޝްހޫރު ބައިނަލް އަޤުވާމީ ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އޭވިއޭޝަންގެ ޚިދުމަތް ރަސްމީކޮށް ރާއްޖެއަށް ފެށި ފަހުން، މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް 50 ޖެޓް ގެނައި ކަމަށް އިނާ މޯލްޑިވްސް ހޮލިޑޭސްއިން ބުނެފިއެވެ.

އާއްމުކޮށް ރާއްޖެއަށް ޕްރައިވެޓް ޖެޓުގައި އަންނާނީ މަހުޖަނުންނެވެ. ޔުނިވާސަލް އޭވިއޭޝަންއަކީ މަހުޖަނުންނަށް އެ މީހުން އުއްމީދު ކުރާ މިންވަރަށް އޭވިއޭޝަންގެ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ރާއްޖެއަށް ޔުނިވާސަލް އޭވިއޭޝަން ހިދުމަތްދެމުން ގެންދަނީ އިނާ މޯލްޑިވްސްއާއި ގުޅިގެންނެވެ. ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ހެޑް ކުއާޓާ މާލޭގައި ހުންނައިރު، އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ ހަތަރު އެއާޕޯޓަކަށް ހިދުމަތް ދެމުން ދެއެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އަދި މާމިގިލި އެއާޕޯޓެވެ.

ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާނީ އަބްދުﷲ ގިޔާސްއެވެ.

ޔުނިވާސަލް އޭވިއޭޝަންގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ޔުނިވާސަލް އޭވިއޭޝަންއިން ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކަސްޓަމާއި އިމިގްރޭޝަންގައި އެހީތެރިވެ ދިނުމާއި، ކްރޫއިންގެ އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމާއި، ސެކިއުރިޓީގެ ޚިދުމަތާއި ބެގޭޖް ހޭންޑްލިން ޚިދުމަތް ވެސް ހިމެނެއެވެ. އަދި އޭގެ އިތުރުން ވެސް ބައެއް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. މި ހިދުމަތް ދެނީ އެމްއޭސީއެލްއާވެސް ގުޅިގެންނެވެ.

އިއްޔެ މާގިރި ހޮޓެލްގައި ޔުނިވާސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް ފެއްޓުމުގެ ގޮތުން އިވެންޓެއް ވަނީ ބާއްވާފައެވެ. އެ އިވެންޓްގައި ޔުނިވާސަލް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވިއެވެ.

ޔުނިވާސަލް އޭވިއޭޝަންގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ޔުނިވާސަލް ވެދާ އެންޑް އޭވިއޭޝަން ސާވިސްގެ ރީޖަނަލް ޑައިރެކްޓަރ ސަރާހް ކަލްމެޓާ ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދަށް ޔުނިވާސަލް އޭވިއޭޝަންގެ ފަރާތުން ފައިދާތައް ކުރާނެ އެއްގޮތަކީ، އެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކަށްވެފައި، އެ ކުންފުނީގެ ކަންކަން ގިނަ ބަޔަކަށް އެނގިފައިވުމުން އެ ތަނުގެ ފަރާތުން ދެމުންގެންދާ ހިދުމަތްތަކަކަކީ ކިހާ ފެންވަރެއްގެ ހިދުމަތެއްކަން އެނގިގެންވެސް ގިނަ ބަޔަކު ރާއްޖެ އައުމެވެ.

ސަރާހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

އަދި މަސައްކަތް ކުރަމުން ދަނީ އިނާ މޯލްޑިވްސްއާއެކު ތަފާތު ޕެކޭޖްތައް ތަޢާރަފްކޮށް އިތުރު ފަތުރުވެރިން ރާއްޖެ ގެނައުމަށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

''އަހަރުމެންގެ މި ބްރޭންޑް ނަމާއެކު، ފަތުރުވެރިން ރާއްޖެ އަންނަލެއް ކުރިއަށްވުރެ އިތުރުވާނެ. މީގެ ކުރިން ބައެއް ފަތުވެރިންނަށް އެ މީހުންގެ އަމިއްލަ އެއާކްރާފްޓްގައި ރާއްޖެ ނާދެވޭ. އާއްމުކޮށް އަންނަން މި ޖެހެނީ ކޮންމެވެސް އެއާލައިނެއްގައި. އެ މީހުންނަށް މި ނާދެވޭ ސަބަބުތަކަކީ އެ މީހުންގެ އެ ގެންނަ އެއާކްރާފްޓް މިކޮޅުގައި ބޭއްވޭނެކަމާއި މެދު ޔަގީން ކަމެއް ނޯންނާތީއާއި، އެކަމުގެ ޕްރޮސީޖާ އޮންނަ ގޮތް ނޭނގޭތީވެ. ނަމަވެސް މިހާރު އަހަރުމެންނާއެކު ދުނިޔޭގެ ކޮންމެ ތާކުންވެސް ފަތުރުވެރިން އައިސް ގޮސް ހެދޭނެ ގޮތް މެދުވެރިވާނެ'' ސަރާހް ވިދާޅުވިއެވެ.

އެ އިވެންޓްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ގިޔާސް ވިދާޅުވީ، އިންޓަނޭޝަނަލް މިފަދަ ބްރޭންޑެއް ރާއްޖެ އައުމުން އެއާޕޯޓުންވެސް ދެމުންގެންދާ ހިދުމަތުގެ ސްޓޭންޑާޑް ވަރަށް ބޮޑަށް އުފުލިގެން ދާނެ ކަމަށެވެ.

އިނާ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނައިރު، ރާއްޖެއަށް ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ މަހުޖަނުން އަންނައިރު، އަޅާނުވެލި އޮންނަ ކަމަށެވެ.

ގިޔާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ގިޔާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ނަމަވެސް އެ ކުންފުނިން ހިދުމަތް ދޭން ފެށުމުން އެކަން ބަދަލުވެ، އިތުބާރު ކުރެވޭ ކުންފުންޏެއްގެ ދަށުން ފަތުރުވެރިންނަށް، އެންމެ ހައި ސްޓޭންޑާޑްގެ ހިދުމަތްތައް، އެ މީހުން ރާއްޖެ އައުމާއި، ހަމައިން ފެށިގެން، އެނބުރި ގައުމަށް ދަންދެން ލިބިގެންދާނެކަން ފިރާގް ފާހަގަކުރެއްވިއެވެ.

ކުރިންވެސް ރާއްޖެއަށް ޔުނިވާސަލް އޭވިއޭޝަން ހިދުމަތް ދެމުންގެންދިޔައެވެ. ނަމަވެސް ކުރިން މަސައްކަތް ކުރަމުން ދިޔައީ އެޖެންޓެއްގެ ގޮތުގައެވެ.

އިނަ މޯލްޑިވްސްގެ ފިރާގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
އިނަ މޯލްޑިވްސްގެ ފިރާގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރެވިގެން ދިޔުމުން، އެއާޕޯޓްގެ ކެޕޭސިޓީ އިތުރުވެގެން ދާނެކަމަށްވެސް ފިރާގުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.

''މިވަގުތު އަޅުގަނޑުމެން ވަރަށް ދަތިކޮށް މަސައްކަތް ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި، ޖާގަ ނެތުމާއި، ފެސިލިޓީ ނެތުމާއެކު. އަޅުގަނޑުމެންގެ ޓުއަރިޒަމް އިންޑަސްޓްރީ ގްރޯވެގެން ދިޔައީ، ވަސީލަތްތައް ޑެވެލޮޕްނުވަނީސް'' ފިރާގް ވިދާޅުވިއެވެ.

ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތައް އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ބަދަލުވެގެންދާއިރު، އެ ކުންފުންޏަށްވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމެ

    ތޭންކްސް ރައީސް ޔާމީން ގައުމައް ކޮއްދެއްވާފަ ވާ ބޮޑު ހިދުމަތައް. ޥީ މިސް ޔޫ

  2. ޠޫމާ

    ކޮމްޕެނީ ވެބްސައިޓް ގައި ޖަހާފަ ހުރީ ވަރަށް ކުރީގެ ޕޮޓޯސް