ލާމު އަތޮޅުގައި ހުޅުވާ ދެވަނަ ރިސޯޓް، "ރަހާ" ގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމުގެ ގޮތުން "އޯޕަންޑޭ" އެއް މާދަމާ (19 ޖަނަވަރީ 2019) ގައި ބޭއްވުމަށް ނިންމައިފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން "ރަހާ" ރިސޯޓް ހިންގާ ހެވީލޯޑް ކުންފުނީގެ މީޑީޔާ އޮފިސަރަކު ވިދާޅުވީ، "އޯޕަން ޑޭ" ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ގަމުގައި ހުންނަ މޯ ހޮޓަލުގައި ކަމަށެވެ. އެގޮތުން ވޯކްއިން އިންޓަރވިއުތަކެއް ކުރިޔަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާ އޮންނަ އިވެންޓްއިން އެނގިގެންދާނެ މި ރިސޯޓްގައި ހުރި ފުރުސަތުތައް. އެންމެ ބޮޑެތި މަޤާމްތަކުން، މިސާލަކަށް، އެޗްއާރު، މާކެޓިން ފަދަ މަޤާމް ތަކުން ފެށިގެން ގޮސް އެންމެ ކުދި މަޤާމްތަކާ ބެހޭ މަޢުލޫމާތުވެސް މިތަނުން ލިބިގެންދާނެ." މީޑިޔާ އޮފިސަރ ވިދާޅުވިއެވެ.

މާދަމާ އޮންނަ އިވެންޓްގައި ވަގުތުން ވަޒީފާއަށް ކުރިމަތި ލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި ވަގުތުން އިންޓަރވިއުވެސް ކުރެވޭނެ ކަމަށް "ރަހާ" އިން މަޢުލޫމާތު ދެއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10 ކުން ހަވީރު 5 ކަމަށެވެ. ވޯކްއިން އިންޓަރވިއުއަށް އަންނަ ފަރާތްތައް އެމީހާގެ ވަނަވަރު (ސީވީ) ގެނައުމަށް "ރަހާ" އިން އެދެއެވެ. އަދި މިއިވެންޓާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް 3330788 ނުވަތަ 6800034 ނަންބަރު ފޯން އާ ގުޅުއްވުމަށްވެސް "ރަހާ" އިން އެދެއެވެ.