ދިރާގުގެ ބައެއް ޚިދުމަތްތަކުގެ އަޕްގްރޭޑް ކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހު އެކުންފުނީގެ ބައެއް ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިރާގުން ފޯރުކޮށްދެންމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން 3 ފެބްރުއަރީ 2019 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން، އެ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އެއްވެސް މެދުކެނޑުމެއްނެތި ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލް ކުރެވޭނެ ކަމަށާއި، އެހެންނަމަވެސް، ބައެއް ޚިދުމަތްތަށް ކަސްޓަމަރުންނަށް ނުލިބޭނެކަމަށް ބުނެފައި ވެއެވެ.

އެ ހިދުމަތްތަކުގެ ތެރޭގައި، ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް އެ މުއްދަތުގެ ތެރޭގައި މެދުކެނޑިގެން ދާނެއެވެ. ނަމަވެސް މި މުއްދަތުކުގެ ތެރޭގައި އެއްވެސް ޚިދުމަތެއް ކަނޑާނުލާނެއެވެ. އެހެންކަމުން ފޯނުކުރުމާއި، އެސްއެމްއެސް އަދި ޑޭޓާ ގެ ޚިދުމަތް މެދުކެނޑުމެއްނެތި ބޭނުންކުރެވޭނެއެވެ.

އަދި ބައެއް އިތުރު ޚިދުމަތްތައް އެރޭ 12:00 އިން ފެށިގެން 1 ފެބްރުއަރީ 2019 ގެ 23:59 ގެ ނިޔަލަށް މެދުކެނޑޭނެކަމަށްވެސް ބުނެފައި ވެއެވެ.
o ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް
o ދިރާގު ޕާރޓްނާޝޮޕް ތައް
o ދިރާގު އޮންލައިން ޚިދުމަތްތައް
ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް"
ދިރާގު މޯބައިލް އެޕް
މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
ދިރާގު ޕޭ
ސެލްފް ކެއަރ ޗެނަލްސް (އެސްއެމްއެސް އަދި *123# ޚިދުމަތް)
ޕްރީޕެއިޑް ރީލޯޑް އަދި ރީޗާރޖް ޚިދުމަތްތައް 1 ފެބްރުއަރީ 2019 ގެ 00:00 އިން 23:59 ގެ ނިޔަލަށް މެދުކެނޑިގެންދާނެއެވެ.

 

ދިރާގުން ބުނީ، ކަސްޓަމަރުންނަށް މި މުއްދަތުގެ ތެރޭގައި ކުރިމަތިވެދާނެ ދަތިކަމަށް ނިހާޔަތައް މާފަށް އެދޭ ކަމަށެވެ.