އައިފޯންގެ ޑިމާންޑް ކުޑަވުމުން އެޕަލްގެ ފައިދާ ދަށްވެފައިވާ ކަން އެންމެ ފަހުން އެކުލަވާލި ހިސާބުތަކުން ދައްކާ ކަމުގައި އެޕަލް އިން ބުނެފިއެވެ.

އެޕަލްގެ މާލީ ހާލަތު އަންގައިދޭ ސްޓޭޓްމެންޓް އިން ދައްކާ ގޮތުގައި ޑިސެމްބަރު 2 އާއި ހަމައަށް ތިން މަސްތެރޭ އައިފޯން ގަންނަ މިންވަރު 15 އިންސައްތަ ވަނީ މަދުވެފައެވެ.

އެޕަލް އިން ހާމަކޮށްފައިވާ ގޮތުގައި މެކް އާއި، އަިޕެޑް އަދި ވިއަރެބަލް، ހޯމް އަދި އެހެނިގެން އެޕަލްގެ އުފެއްދުންތަކެއް ލިބޭ ފައިދާ އިތުރުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިދިޔަ 12 މަހުގެ ތެރޭގައި އެޕަލް އަށް ލިބުނު ޖުމުލަ ފައިދާ ކުރިއާއި އަޅާ ބަލާއިރު 3.9 ބިލިއަން ޑޮލަރު ދަށްވެފައި ވާކަމަށްވެސް އެޕަލް އިން ވަނީ ހާމަކޮށްފައެވެ.

އެޕަލްގެ ޗީފް އެޗްސެކިއުޓިވް ޓިމް ކުކް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކުންފުނީގެ ފައިދާ އިތުރު ކުރާނަން ކަމަށެވެ.

"ކުންފުނީގެ ފައިދާ ދަށްވެގެން ދިއުމަކީ އަހަރެމެން ހިތާމަ ކުރާކަމެއް. ނަމަވެސް ދިގު މުއްދަތުގައި ފައިދާ ލިބޭ ކުންފުންޏެއްގެ ގޮތުގައި އެޕަލް ދަމަހައްޓާނަން. ކުންފުނީގެ ވިޔަފާރި ފުޅާކޮށް ފައިދާ އިތުރު ކުރުމަށް ކުރެވެން ހުރި ކަންތައްތައް ބަލާ އެކަންކަން ކުރާނަން." ކުކް ވިދާޅުވިއެވެ.

ކުކް ވިދާޅުވީ މިކްއާޓާގައި އެޕަލްގެ އުފެއްދުންތައް 1.4 ބިލިއަން ޑިވައިސްގައި ބޭނުން ކުރަމުން އަންނަ ކަމަށާއި ކުންފުނީގެ ވަފާތެރި ކަސްޓަމަރުން ކުންފުނި ދޫކޮށްފައި ނުދާ ކަމަށެވެ. އެހެންކަމުން އެއީ ހެޔޮ ފާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއެވެ.

އެޕަލް އަށް އޮންނަ ޑިމާޑް ދަށްވެފައި ވަނީ އެމެރިކާ އާއި ޗައިނާގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ސަބަބުން ޗައިނާގައި އެޕަލްގެ އުފެއްދުންތައް މަނާ ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު