މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި 2.6 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނިކަމުގައިވާ އެސްޓީއޯ އިން ބުނި ގޮތުގައި މި އަދަދަކީ އޭގެ ކުރީގެ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 168 މިލިޔަން ރުފިޔާގެ އިތުރުވުމެވެ. އަދި އިންސައްތައިން ބަލާކަމުގައިވާނަމަ މިއީ ހަތް އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް ބުންޏެވެ.

އާމްދަނީ އިތުރުވުމާ ގުޅިގެން އެސްޓީއޯ އަށް ލިބުނު ފައިދާވެސް އިތުރުވެފައިވާއިރު، މިދިޔަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 49 މިލިޔަން ރުފިޔާ ލިބި، 17 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.

އެކުންފުނިން ބުނި ގޮތުގައި ލިބުނު އާމްދަނީ ބޮޑުވުމުގެ ސަބަބަކީ ތެޔޮ ވިއްކި އަދަދު އިތުރުވުމެވެ. ހަމައެހެންމެ، އެކުންފުނިން ކުރާ އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަމަށް ބުންޏެވެ. އެގޮތުން، އޭގެ ކުރީގެ ކުއާޓަރާ އަޅާ ބަލާއިރު ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ހަ އިންސައްތަ އިތުރުވިއިރު، އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ހަތް އިންސައްތަ އިތުރުވިއެވެ.

މީގެއިތުރުންވެސް، އެކުންފުނިން ބުނީ މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓާ، ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގު ހިފަހައްޓަން ޖެހިއްޖެނަމަ ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބުﷲ

    ސާބަސް ރައީސްޔާމިން އަހުމަދުސަރީރުއަށް

  2. އާމިނަތު

    ދެން ދާނީ ހުލިވަމުން. ކުރިންވެސް ހުލިވެފައިއޮއްވާ ރައީސްޔާމީންގެ ޙިކުމަތުޢަމަލުން ތިތަނުގެ ވެރިޔަކަށްހުންނެވި ބޭފުޅާގެ ހިތްވަރުން ތިތަން ކޮޅަށް ނެގީ!