ސައުދީ އަރަބިޔާގައި ބާއްވާ އެންމެ ވަރުގަދަ ޓްރްވެލް އެންޓް ޓްރޭޑް އިވެންޓުކަމުގައިވާ "ރިޔާދު ޓްރެވެލް ފެއަރ 2019" ގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ބައިވެރިވުމަށް ނިންމާފައިވާކަމަށް މަޓާޓޯ އިން ބުނެފިއެވެ.

މަޓާޓޯ އިން ބުނީ މި ހަރަކާތް ކުރިއަށްދާނީ އަންނަ މަހުގެ 20 އިން 22 އަށް އެޤައުމުގެ ވެރިރަށް ރިޔާދުގައި ހުންނަ އަލް ފައިސަލިއާ ޓަވަރުގައިކަމަށެވެ. މިއީ މި ހަރަކާތުގައި ރާއްޖެއިން ބައިވެރިވާ ހަތަރުވަނަ ފަހަރެވެ.

އަސަސް އެގްޒިބިޝަންސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ސައުދީ އާއި ގަލްފުގެ ޤައުމުތަކުގައި ހިންގަމުންދާ، ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ ކުންފުނިތަކާއި ބްރޭންޑުތައް އެއްތަންވާ ހަރަކާތެކެވެ، ހަމައެހެންމެ، ފަތުރުވެރި އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރު ކުރުމަށްވެސް މިއީ ވަރުގަދަ ހަރަކާތެކެވެ.

ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރު ކުރުމުގެ އިތުރުން، މި ދާއިރާގައި ހުރި އިންވެސްޓްމެންޓްތަކުގެ މައުލޫމާތު ބަދަލުކުރުމާއި، އެއް ފަރާތުގެ ތަޖުރިބާ އެހެން ފަރާތްތަކާ ބަދަލުކުރުމުގެ ކަންކަންވެސް، މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެކަމަށް މަޓާޓޯ އިން ބުންޏެވެ.

މި ހަރަކާތް ބާއްވާ ރިޔާދަކީ މެދުއިރުމަތީގެ ސަރަޙައްދުގެ އެންމެ މުއްސަނދި އެއް ސިޓީއެވެ. އަދި އެއީ 80 ވަނަ އަށް ދުނިޔޭގެ އެންމެ މުއްސަނދި ސިޓީއެވެ.

މެދުއިރުމަތީގެ ސަރަޙައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަންވެސް، ތަފާސްހިސާބުތަކުން ދައްކައެވެ.