ހޮންޑާ އިން މިދިޔަ ޑިސެންބަރު މަސް ތެރޭގައި ނެރުނު އެއާބްލޭޑް އެންމެ ފަހުގެ މޮޑެލްކަމުގައިވާ އެއާބްލޭޑް 2018ގެ އެޑްވާންސް އެޑިޝަން އަދި ބްލެކް އެޑިޝަން ސައިކަލު ޝީޝާ އިން ރާއްޖެއަށް ތައާާރަފްކޮށްފިއެވެ.

އަލަށް ތައާރަފް ކުރެވުނު މި މޮޑެލްއަކީ މިދިޔަ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހު ވިއެޓްނާމްގައި ލޯންޗްކުރި އެއާބްލޭޑް އެންމެ ފަހުގެ މޮޑެލްގެ ސައިކަލެވެ.

ޝީޝާގެ ހެޑް އޮފް ސޭލްސް މުހައްމަދު އިޝާމް ވިދާޅުވީ, އެއާބްލޭޑްގެ ސައިކަލްތަކަކީ 2007 ވަނަ އަހަރުން ފެށިގެން ހޮންޑާއިން ނެރެމުން އަންނަ ސްޕޯޓީ ސްކޫޓަރއެއް ކަމަށެވެ. މިއީ ކަސްޓަމަރުންގެ ތެރޭގައިވެސް އެންމެ މަގުބޫލު އެއް މޮޑެލްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި އަލަށް މި ނެރުނު މޮޑެލް ކަސްޓަމަރުން މާބޮޑަށްވެސް ގަޔާވާނެކަން ޔަގީނެވެ.

އެއާބްލޭޑް އެންމެ ފަހުގެ މޮޑެލްކަމުގައިވާ އެއާބްލޭޑް 2018 ތައާރަފް ކުރުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އިޝާމް ވިދާޅުވީ، މިއަދު މި ތައާރްފްކުރެވުނު އެއްބްލޭޑްގެ އެންމެ ފަހުގެ ސައިކަލުގެ ފީޗާސްތަކަށް ބަލާއިރު، ހޮންޑާ ސްމާޓް ކީ، އައި ޑިލިންގް ސްޓޮޕް ސިސްޓަމް، ކޮމްބައިން ބްރޭކް، ލެޑް ލައިޓް ސިސްޓަމް ހިމެނޭ ކަމަށެވެ. އަދި މީގެ އިތުުރުން މި ސައިކަލަކީ އީއެސްޕީ 125 ސީސީ 4 ސްޓްރޯކް ލިކުއިޑް ކޫލް އިންޖީނެއް ހުންނަ ސައިކަލެއްކަމަށްވެސް އިޝާމް ވިދާޅުވިއެވެ.

ޝީޝާއިން މިދިޔަ ޑިސެންބަރު މަސް ތެރޭގައި ފެށި 100 ދުވަހުގެ ޕްރޮމޯޝަންގެ ދަށުން އެއާބްލޭޑް ސައިކަލުތަކަށްވެސް ވަރަށް ބޮޑު ޑިސްކައުންޓެއް ލިބެއެވެ.

އެއާބްލޭޑް އެންމެ ފަހުގެ މޮޑެލްކަމުގައިވާ އެއާބްލޭޑް 2018 ތައާރަފް ކުރުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މި ޕްރޮމޯޝަނާއި ގުޅޭގޮތުން ވާހަކަދައްކަމުން ޝީޝާގެ އޮޕަރޭޝަންސް އެންޑް މާރކެޓިންގ މެނޭޖަރ ފާތިމަތު ޖުމާން ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން އެއާބްލޭޑުން އަންތަރީސްވާވަރުގެ އޮފާރއެއް ދީފައިވާނެ ކަމަށެވެ. އަދި މި އޮފަރ ދިވެހިންނަށް ވަރަށް ކަމުދިޔަކަމަށްވެސް ޖުމާން ވިދާޅުވިއެވެ.

"ފުރަތަމަ ޖެނުއަރީގެ ޝިޕްމެންޓް އަޅުގަނޑުމެންނަށް ލިބުނުއިރު، މުޅި ޝިޕްމެންޓް އެއްކޮށް އިނީ ރިޒާވްވެފައި. އެކަމަކުވެސް ކުރިއަށް އޮތްތަނުގައި ކޮންމެ މަހަކު ކޮންޓިނިއުސްކޮށް ޝިޕްމެންޓް ލިބެމުން ދާނެ. މާލެ ކޮޅުން ރިޒާވް ވިއަސް، ކުޅުދުއްފުށިންނާއި އައްޑޫއިން މި މޮޑެލްގެ ސައިކަލް ލިބޭނެ". ޖުމާން ވިދާޅުވިއެވެ.

ޖުމާން ވިދާޅުވީ، 100 ދުވަހުގެ އޮފަރގައި ކަސްޓަމަރުންނަށް 7000 ރުފިޔާއާ ހަމައަށް އެއާބްލޭޑުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެއާބްލޭޑް އެންމެ ފަހުގެ މޮޑެލްކަމުގައިވާ އެއާބްލޭޑް 2018 ތައާރަފް ކުރުން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އަދި ޖުމާން ވިދާޅުވީ، މި ބްރޭންޑްގެ ސައިކަލުވެސް އެއްކޮށް ފައިސާ ދައްކައިގެންނާއި، އިންސްޓޯލެމެންޓަށް ފައިސާ ދައްކައިގެންވެސް ނެގޭނެއެވެ

ޝީޝާއިން ބުނީ، އެއާބްލޭޑްގެ އެންމެ ފަހުގެ މޮޑެލްގެ ސައިކަލުތަކުގެ ޝިޕްމެންޓެއް އެންމެ އަވަހަށް ލިބިގެންދާނީ މި ހިނގާ ފެބްރުއަރީ މަހުގެ ފަހުކޮޅު ނޫނީ މާރިޗް މަހުގެ ކުރީކޮޅުގައެވެ.

އެއާބްލޭޑް އެންމެ ފަހުގެ މޮޑެލްކަމުގައިވާ އެއާބްލޭޑް 2018 ތައާރަފް ކުރުން - ފޮޓޯ: ޝީޝާ

ޝީޝާއިން ފެށި 100 ދުވަހުގެ ޕްރޮމޯޝަންގެ ބާކީ އޮތީ 48 ދުވަހެވެ.

މި ސައިކަލް ރާއްޖެއަށް ތައާރަފް ކުރަން ބޭއްވި ހަފްލާގައި "ހޮންޑާ މޯލްޑިވްސް"ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ޝީޝާ އިން ހަމަޖެއްސި ރާއްޖޭގެ އުފެދުނު އެންމެ މޮޅު ދުވުންތެރިޔާ ހަސަން ސާއިދުވެސް ބައިވެރިވިއެވެ.