ބޭންކް އޮފް މޯލްޑިވްސް އިން މިހާރު އެންމެ ބޮޑުކޮށް، 100،000 ރުފިޔާއާ ހަމައަށް ދެމުންދާ ލުއި ލޯނުގެ އަދަދުތައް، 300000 ރުފިޔާއާ ހަމައަށް އިތުރުކުރަނީ ނިންމާފައިވާކަމަށް މިއަދު އެބޭންކުން ހާމަކުރައްވައިފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ވެބްސައިޓް އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، މުޙައްމަދު ޝަރީފް ވިދާޅުވީ 300،000 ރުފިޔާއާ ހަމައަށް ލުއި ލޯނު ދޫކުރުމުގެ ކަންކަން ވަރަށް އަވަހަށް ފަށާނެކަމަށެވެ.

މި ރަސްމިއްޔާތުގައި އޭނާ އިތުރަށް ވިދާޅުވީ ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ ސަބަބުން، އަދި ބިއުރޯ އިން އަމިއްލައަށް ރިޕޯޓު ނެގުމުގެ ޚިދުމަތްތަކުގެ ސަބަބުން ބީއެމްއެލް އިން ލޯނު ދޫކުރެވޭ އަދަދު އިތުރު ކުރުމަށް މަގުފަހިވެގެންދާކަމަށެވެ. ސަބަބަކީ، އެކަމުގެ ސަބަބުން ލޯނު ޕްރޮސެސް ވުމަށް ހިނގާ ވަގުތު ކުޑަވުންކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ކްރެޑިޓް އިންފޮމޭޝަން ބިއުރޯގެ އެތައް ޚިދުމަތެއް އޮންލައިންކޮށް ލިބެން ފެށުމާއެކު ބީއެމްއެލް އިން ލުއި ލޯނުގެ ގޮތުގައި ދޭ އަދަދުތައް އިތުރުކޮށް، އިތުރު އައު ލޯނުތަކެއް ތަޢާރަފް ކުރަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މުޅިން އައު ޕާޒަނަލައިޒް ލޯނުތަކެއް އޭގެތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ.

އޮންލައިންކޮށް ބިއުރޯގެ ޚިދުމަތް ލިބުމުގެ ސަބަބުން، ބީއެމްއެލް އިން ދޫކުރާ ލުއި ލޯނުގެ އިވެލުއޭޝަން އޮޓޮމޭޓް ކުރެވިފައިވާކަމަށާއި އަދި މިކަމުގެ ސަބަބުން ފަސް ދުވަހުގެ ތެރޭގައި ލޯނު ހަމަޖެހޭނެކަމަށްވެސް ޑެޕިއުޓީ ސީއީއޯ ވިދާޅުވިއެވެ.

ހަމައެހެންމެ، ކުރިން ބީއެމްއެލް އިން ދޫކުރާ 15 ހާސް ރުފިޔާގެ ލޯނުގެ އަދަދު، އެއްލައްކަ ރުފިޔާއަށް އިތުރުކުރެވިފައިވާކަމަށާއި އަދި މަސައްކަތް ކުރަމުން ދަނީ މި އަދަދު ތިންލައްކައާ ހަމައަށް އިތުރުކުރުންކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަންކަން ކުރެވޭނީ ހަރުދަނާ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ އެއް ގާއިމްވެފައި އޮތުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް ޝަރީފް ފާހަގަކުރެއްވި ގޮތުގައި މިކަމުގެ ސަބަބުން ބީއެމްއެލްގެ އިތުރުން ކްރެޑިޓަށް މުދާ ދޫކުރާ ފަރާތްތަކަށްވެސް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން އަމިއްލައަށް ކްރެޑިޓް ރޭޓިންގ ބަލާލެވުމުން، ކްރެޑިޓަށް މުދާ ދޫކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަކީ ބޭންކުގެ ޚިދުމަތްތައް މުޅި ޤައުމަށް ފުޅާކުރަން އޮތް އެންމެ ރަނގަޅު ގޮތްކަމަށާއި، ބީއެމްއެލް އިން މަސައްކަތް ކުރަމުން ދަނީވެސް ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި މިކަންކަން ކުރިއެރުވުމަށްކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    ތީ ހަމަ ރައްޔިތުން އަތުން ގިނަ ލާރި ލޯންގް ޓާމް އަކަށް ނަގަން ކިރާކަމެއް ރައްޔިތުމީހާ ދަރާނީ ހެޔޮނުވާނެ އެއްވެސް މީހަކު މިލޯނު ނުނަގާތި. ޥަރައް އިންޓަރެސްޓް ބޮޑު

    • ނިއުސް ސްކޭނަރ

      ނެތެއްނު ރަނގަޅު އެއްގޮތެއް ވެސް

  2. އާދަން

    ދައްކާ ހަމަނުވާ ލޯނެއް ތީ

  3. މިހާރު

    މިހާރު އޮންނަ އުސޫލުން އެއްވެސް ޕޭމަންޓެއް ޑިއު ވެއްޖެނަަ 3 އަހަރުވަންދެން ބެންކް އިން އެއްވެސް ލޯނެއް ނުނެގޭ... މީގެ ކުރިން އިންނަފަދައިން 6 މަހަޙަަށް ބަދަލު ކޮއްދިނުމަކީ ވަރަށްބޮޑު ހެޔޮފުޅެއް ކަމުގައި ދަންނަވަމެވެ.

  4. ނުރަބޯ

    ކިތަށްޕަސެޓް އިންޓްރަސްރޭޓުގައިތަ؟

  5. ީއިބްރާހިމް

    މިހާރު އޮންނަ އުސޫލުން އެއްވެސް ޕޭމަންޓެއް ޑިއު ވެއްޖެނަަ 3 އަހަރުވަންދެން ބެންކް އިން އެއްވެސް ލޯނެއް ނުނެގޭ... މީގެ ކުރިން އިންނަފަދައިން 6 މަހަށް ބަދަލު ކޮއްދިނުމަކީ ވަރަށްބޮޑު ހެޔޮފުޅެއް ކަމުގައި ދަންނަވަމެވެ.