ހައިރައިޒް އިން އިންތިޒާމުކޮށްގެން، 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "މޯލްޑިވްސް ލިވިންގ އެކްސްޕޯ" ގެ ހަތްވަނަ އެޑިޝަން މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ.

މިއަދު މެންދުރުފަހު މި އެކްސްޕޯ ފަށާފައިވާއިރު، މި އަހަރުގެ އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑެވެލޮޕްމަންޓް، އައިމިނަތު އާތިފާ ޝަކޫރެވެ.

މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހަށް މި އެކްސްޕޯ ކުރިއަށްދާއިރު، އެކްސްޕޯ އަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު، ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 18:00 އަށް، ރޭގަނޑު 20:00 އިން 23:00 އަށް ހުޅުވިފައި ހުންނާނެއެވެ.

އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، މިނިސްޓަރު ވަނީ އެކްސްޕޯގައި ބައިވެރިވާ 30 ފަރާތުގެ ސްޓޯލަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ހައިރައިޒް އިން ހާމަކުރައްވާފައިވާ ގޮތުގައި މި އަހަރުގެ އެކްސްޕޯ އަށް ޒިޔާރަތް ކޮށްގެން، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުޞަތުވަނީ ހުޅުވިއެވެ.

މޯލްޑިވްސް ލިވިންގ އެކްސްޕޯ އަކީ ރިއަލްއެސްޓޭޓް ދާއިރާގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯ އެކެވެ. އަދި މިއީ މި ދާއިރާގެ ވިޔަފާރިތަކަށް، ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ އެކްސްޕޯކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު