ބޭންކް އޮފް މޯލްޑިވްސް އިން ލުއި އެކްސްޕްރެސް ލޯނުގެ ގޮތުގައި 300000 ރުފިޔާ އާ ހަމަޔަށް ލޯނު ނެގޭ ގޮތައް ހަމަޖައްސާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ދިނުމަށް ނިންމައިފިއެވެ.

ލުއި އެކްސްޕްރެސް ލޯނަކީ އެއްވެސް ރަހުނަކާ ނުލައި ގަވައިދުން އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ދޫކުރާ ލޯނެކެވެ. މިލޯނަށް އެދި ހުށަހަޅާއިރު ރަހުނެއްވެސް ބޭނުމެއް ނުވެއެވެ. އަދި އަމިއްލައަށް އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހޭނެއެވެ.

ބީއެމްއެލްގެ ލޯނުތަކަށް މިއަދު ގެނައި ބަދަލަކީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަދި ލޯނު ނެގުމުގައި ކަސްޓަމަރުންނަށް އިތުރު ފަހެލިކަމެއް ދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް އަމާޒުކޮށް ދޫކުރާ ލޯނުތަކަށް ގެނައި ބަދަލެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ވަރަށް ކުރީއްސުރެ 15000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ލުއި ލޯނުވެސް މިވަނީ ލުއި މައިކްރޯ އަށް ބަދަލުކުރެވިފައެވެ. މިއީ ގަވައިދުން މުސާރަ ނުވަތަ އާމްދަނީ ނުލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ލޯނެކެވެ. މި ލޯނަށް ގެނެވުނު ބަދަލާއެކު އެއްވެސް ރަހުނަކާ ނުލައި 25000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. މި ލޯނު ޚަލާސްކުރުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މީގެ އިތުރުން އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފް ސްޓައިލް ލޯނަށްވެސް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްފައެވެ. މިގޮތުން އެއްވެސް ރަހުނަކާ ނުލައި 5 އަހަރުގެ މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް 100,000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެއެވެ. ރަހުނަކާއެކު 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ބީއެމްއެލް ލައިފްސްޓައިލް ލޯން ދޫކުރެއެވެ.

ބީއެމްއެލް ކިޔަވާ ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ ދަތިތައް ފަސޭހަކުރުމުގެ ގޮތުންނާއި ދަރިވަރުންގެ ކިޔެވުމަށް ކުރާ ހޭދަ ބެލުމަށްޓަކައި ބޭންކުން ގެންދާ ޕްރޮސެސްއަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް މރ. ކުލްދީޕް ޕަލިވާލް ވިދާޅުވީ "ކަސްޓަމަރުންގެ ޑިމާންޑަށް ބަލައި އަޅުގަނޑުމެން އަބަދުވެސް ދަނީ ކަސްޓަމަރުން ބޭޏުންވާ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ބައްޓަންކުރަމުން. މިއަދު ބޭންކުގެ ޕަރސަނަލް ލޯނުތަކަށް މިގެނެވުނު ރަނގަޅު ބަދަލުތަކާއެކު ކަސްޓަމަރުންގެ އެކިއެކި އަމިއްލަ ބޭނުންތަކަށް ފައިނޭންސް ލިބިގެންދާނެ. ކަސްޓަމަރުންނަށް މިހާރު ބޮޑު އަދަދަކަށް އެދި ހުށަހެޅޭނެ އަދި ހަމައެޔާއެކު ލޯނު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބިގެންދާނެވެސްމެ." އެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒާހިދުް

    ނަމަ ނަމަ އިންޓްރެސްޓްގެ ވާހަކ ނުލިޔާތި!

  2. ޭއދ އަތޮލު

    މަހިބަދޫ މީހުން ނަށް އެކަނި ލޯނު ދޭ ތަނެއްތީ.

  3. ޢަހްމަދު

    5 ދުވަހުން ލިބޭ 300000 ދައްކާ ނިމޭއިރު 400000 ދެއްކުނީމަ އެ ޖީބަށް ލުއިވާގޮތެއް ބުނެދެއްވާ. ތިހާ ރައްޔިތުންނަށް ހެޔޮ އެދެންޔާ ޖީބަށް ލުއި ލޯނެއް ދީބަލަ . 10 އަހަރު ދުވަހު ޕެންޑިން ޕޭމެންޓެއް ނެތި ތިޔަ ބޭންކަށް ލޯނު ދައްކަމުންދާ 10000 މުސާރަ ލިބޭ މީހާއަށް ތިޔަ 300000 ދޭން ނުކެރެންޔާ ތީ ކޮން ހެވެއްތޯ ތިޔަ ވެވެނީ. ދިވެހިން ފެލާލާ ބޭންކް

  4. ކަލޯ

    ކޮމެންޓް ކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ވައްދަށް ފެނޭ..
    ނުރަގަލުވާހަކައެއް ނެތަސް ޑިސްޕްލޭ ކުރަނީ ބައެއްކޮމެންޓް.

  5. އަލި

    ބީ އެމް އެލް އަކީ ރަތްޔިތުންނަށް ފަސޭހަތް ކުރާތަނެއްނުން ވީ އާ ކުރާނީ އުދަގޫ، ބީ އެމް އެލް ކަސްޓަމަރ ސަރވީސްގަ އުޅޭ މީހުނަނަކަށް ނޭގޭ ރަގަޅު މައުލޫމާތެއް ފޯރުކަށްދޭކަށް ، ތިބޭނީ މީހކު ގޮއްސިޔާ ރުޅިގަދަވެފަ، މީ ބީއެމްއެލްގެ ހިދުމަތުގެ ފެނަވަރު، ފުރަތަމަ ސްޓާފުންނަށް ކަސްޓަމަރ ރިލޭޝަން ކިޔަވާދީ ބަލަ!