މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ބަލައިގަތް އާމްދަނީ، ކުރީ އަހަރުގެ ޖަނަވަރީ އާއި އަޅާބަލާއިރު 2.9 އިންސައްތަ ދަށްވެއްޖެއެވެ.

މީރާ އިން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ އޮތޯރިޓީ މެދުވެރިކޮށް 2.1 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި ޖުމްލަ އާމްދަނީ އަށްވުރެ 2.2 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އާއި އަޅާބަލާނަމަ 2.9 ޕަސެންޓް ދަށްވުމެކެވެ.

ދައުލަތަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީއިންނެވެ. ބީޕީޓީން އެކަނި ވެސް 880 މިލިއަން ރުފިޔާ މިދިޔަ މަހު ދައުލަތައް ލިބިފައިވެ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޖީއެސްޓީއިން 799 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ނަމަވެސް މިދިޔަ މަހު ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހަށް ވުރެ ފަތުރުވެރިކަމުގެ ދާއިރާ އިން ލިބުނު ޖީއެސްޓީގެ އާމްދަނީ އާއި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ދަށް ވެފައެވެ. އަދި ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ޖަނަވަރީ އަށް ވުރެ މިއަހަރުގެ ޖަނަވަރީ ގައި ވަނީ ދަށްވެފައެވެ.

ޖޫރިމަނާ އާއި، ކަނޑު އުޅަނދުތަކުގެ ފީއާއި ޒަކާތުގެ ގޮތުގައި ދައުލަތައް ލިބުނު ފައިސާ ވެސް މިދިޔަ މަހު ވަނީ މިދިޔަ އަހަރަށް ވުރެ ދަށްވެފައެވެ.

މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 67.8 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ދައުލަތުގެ އާމްދަނީ މިމަހު ދަށްވެއިރު އާސަރުކާރުން ވަނީ ބައެއް ޖޫރިމަނާތައް ކުރުން ހުއްޓާލާ، ބައެއް ބާވަތްތަކުން ޑިއުޓީ ވެސް ކުޑަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    ދެން މިގައުމެއް ކުރިޔަކަށް ނުދާނެ. ހުރިހާ ފައިސާ އެއްވަންނާނީ އިންޑިޔާ އެކައުންޓުތަކަށް ރާއްޖޭގެ ސިޔާސީ މީހުންގެ ޖީބަށް ވަންނާނީ ސްޕާރީ