މެދުއިރުމަތި ސަރަޙައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ޓްރެވެލް ރޯޑް ޝޯވ ކަމުގައިވާ "އައުޓްބައުންޑް ޓްރެވެލް ރޯޑްޝޯވ: މިޑްލް އީސްޓް އެޑިޝަން" ގައި ރާއްޖޭގެ ފަރާތުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަސް (މަޓާޓޯ) އިން ބައިވެރިވަމުން އެބަގެންދެއެވެ.

މި މަހުގެ 10 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށްދާއިރު މިއީ މެދުއިރުމަތީގެ އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ ބާޒާރުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިގެން ގޮސްފައިވާ ފުރުޞަތެއްކަމަށް މަޓާޓޯ އިން ބުނެއެވެ.

ސްފިޔަރ ޓްރެވެލް މީޑިޔާ އެންޑް އެގްޒިބިޝަން އިން މި ހަރަކާތް ކުރިއަށް ގެންދާއިރު، މަޓާޓޯއާއެކު، ރާއްޖޭގެ ފަރާތުން މޮ ހަރަކާތުގައި ބައިވެރިވަމުންދަނީ ރާއްޖޭގެ ދެ ކުންފުންޏެކެވެ.

މަޓާޓޯ އިން ބުނި ގޮތުގައި މެދުއިރުމަތީގެ ފަތުރުވެރިކަމުގެ މާކެޓަކީ ދުނިޔޭގައި މި ވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް މާކެޓެވެ. ދުނިޔޭގެ ވިޔަފާރިއާ ބެހޭ މައި ޖަމިއްޔާ، ޑަބްލިޔުޓީއޯ އިން އަންދާޒާ ކުރާ ގޮތުގައި ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ތެރޭގައި މެދުރުމަތީގެ ސަރަޙައްދުގައި ދިރިއުޅޭ 35 މިލިއަނެއްހާ މީހުން، އެކި ސަރަޙައްދުތަކަށް، ފަތުރުވެރިންގެ ގޮތުގައި ދަތުރުކުރާނެއެވެ.

މި ހަރަކާތުގެ އިތުރުން، އަންނަ މަހު ސައުދީ އަރަބިޔާގެ ރިޔާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެވެލް ފެއަރ އަކަށްވެސް، މަޓާޓޯ އިން ދަނީ ތައްޔާރުވަމުންނެވެ.