ބޭންކް އިންވެސްޓްމެންޓުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އެހީފޯރުކޮށްދެއްވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަތޮޅުތެރޭގައި ޤާއިމުކުރެއްވި ފުރަތަމަ ބީއެމްއެލްގެ ބިޒްނަސް ސެންޓަރ އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުއްވައިދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އެވެ.

ބިޒްނަސް ސެންޓަރ ހުޅުވައިދެއްވުމަށް ބޭއްވުނު ރަސްމިއަޔާތުގައި ވާހަކަފުޅުދައްކަވަމުން، މިވަގުތު ބީއެމްއެލްއާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ އިންވެސްޓުމެންޓުތަކަށް ބަލާއިރު އައްޑޫއަކީ އެންމެ ބޮޑު އިންވެސްޓެއް ކުރަމުން އަންނަ ސިޓީ ކަމަށާއި، އައްޑޫސިޓީގައި މިފަދަ ތަނެއް ޤާއިމުކުރެވުމުން ބީއެމްއެލް އިން އުފާކުރާކަމަށާއި އަދި ބީއެމްއެލްގެ ޓީމުން މި ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ހައްލު ފޯރުކޮށްދޭނެ ކަމަށެވެ.

"އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދައުރެއް އަދާކުރާ ސިޓީއަކަށްވެފައި، އައްޑޫ ގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމްކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސެންޓަރުގައި މަސައްކަތްކުރަމުންދާ އަޅުގަނޑުމެންގެ ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަންފޯރުކޮށްދޭނެ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ބީއެމްއެލްގެ ދެވަނަ ބްރާންޗެއް ޤާއިމުކުރެވިގެން ދިޔައިރު، މިހާރު އެ ކުންފުނީގެ ތިން ބްރާންޗާއި އަށް އޭޓީއެމް މެދުވެރިކޮށް އައްޑޫގައި ހިދުމަތް ފޯރުކޮށްދެމުންދެއެވެ. އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު