މިއަހަރުގެ ޖަނަވަރީ މަހު، މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު އިމްޕޯޓް ކުރެވުނު މުދަލުގެ އިންސައްތަ އިތުރުވެ، އެކްސްޕޯޓް ކުރެވުނު މުދަލުގެ އިންސައްތަ ދަށްވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖަނަވަރީ މަހުގެ ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފްގެ އަގު ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު ހަ އިންސައްތަ އިތުރުވެފައެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު، މި އަދަދު ވަނީ 4 ބިލިއަނަށް އަރާފައެވެ.

އެކްސްޕޯޓަށް ބަލާއިރު ޖަނަވަރީ 2018 ވަނަ އަހަރޔ 473.2 މިލިއަން ރުފިޔާގެ އެކްސްޕޯޓް ކުރެވިފައިވާއިރު 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ކުރެވިފައިވަނީ 342.6 އިންސައްތައިގެ އެކްސްޕޯޓެވެ. މިއީ 28 އިންސައްތައިގެ ދަށްވުމެކެވެ.

އެހެންނަމަވެސް، ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖަނަވަރީ 2018 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރު އާމްދަނީއެއް މި އަހަރުގެ ޖަނަވަރީ މަހު ވަނީ ލިބިފައެވެ. އެއީ 14.39 އިންސައްތައިގެ ކުރިއެރުމަކާއެކުގައެވެ.

އެންމެ ގިނައިން އިމްޕޯޓް ކުރެވުނު ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ، ޗައިނާ، ސިންގަޕޫރު، އިންޑިއާ އަދި މެލޭޝިޔާ އެވެ. އެންމެ ގިނައިން އެކްސްޕޯޓު ކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަންވިލާތް، އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ތައިލެންޑެވެ.