މިދިޔަ އަހަރު ރާއްޖޭގައި ހުޅުވި ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް މިދިޔަ އަހަރު ދުނިޔޭގައި ހުޅުވި އެންމެ ފުރިހަމަ ލަގްޒަރީ ރިސޯޓްގެ މަގާމު ހޯދައިފިއެވެ.

މިދިޔަ އަހަރު އަލަށް ހުޅުވި ލަގްޒަަރީ 42 ތަނެއް ދިރާސާ ކުރުމަށް ފަހު މިނިވަން ޖަމިއްޔާއެއް ކަމަށްވާ ލަގްޒަރީ ޓްރެވަލް އިންޓެލިޖެންސް (އެލްޓީއައި) އިން ބުނީ އެހުރިހާ ތަނެއްގެ ތެރެއިން އެންމެ ފުރިހަމަ، އެންމެ ރަނގަޅު ޚިދުމަތެއް ދެމުން އަންނަނީ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑުން ކަމަށެވެ.

އެލްޓީއައިގެ ފައުންޑާ މައިކަލް ކޮމްޕޮޓް ވިދާޅުވީ ހުރިހާ ތަނެއް ވެސް ދިރާސާ ކޮށްފައި ވާނީ ޖަމިއްޔާގެ މުވައްޒަފުން ޖަމިއްޔާގެ ފައިސާގައި އެތަންތަނަށް ދަތުރުކޮށްގެން ކަމަށެވެ. އެއްވެސް ތަނަކަށް ދަތުރު ކުރުމުގެ ސްޕޮންސާއެއް ހޯދާފައެއް ނުވެއެވެ. އެހެންކަމުން ޖަމިއްޔާގެ ނިންމުންތަކަށް ރިސޯޓްތަކުގެ ނުފޫޒެއް ނޯންނާނެ ކަމަށް އެލްޓީއައި އިން ބުނެއެވެ.

ކުޑަދޫ ރިސޯޓް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 01 ވަނަ ދުވަހު އެވެ. އިއާދަކުރަނިވި ހަކަތައިން ހިންގަމުން އަންނަ ރިސޯޓުން ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދެއެވެ.

އެންމެ ބޮޑެތި މުއްސަނދިންނަށް ހާއްސަކޮށްފައިވާ ރިސޯޓްގައި އެންމެ ރެއެއް ހޭދަކުރަން ވެސް ގާތްގަނޑަކަށް 60000 (ފަސްދޮޅަސް ހާސް) ރުފިޔާ ޚަރަދު ކުރަން ޖެހޭނެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދޮޅު މިލިއަނާއި ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އޭގެތެރެއިން 49 އިންސައްތަ މީހުންނަކީ ޔޫރަޕް މީހުންނެވެ. ގިނަ ދުވަސްތަކަށް ފަހު ފާއިތުވި ދެއަހަރު ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު