މިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ ޖަނަވަރީ އަށް ވުރެ 6.5 އިންސައްތަ އިތުރުވެފައި ވީނަމަވެސް އޮކިއުޕެންސީ ރޭޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ މަހަކު އެއް ފަހަރު އާއްމު ކުރަމުން އަންނަ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 151552 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ ޖަނަވަރީ ގައި އައީ 142351 ފަތުރުވެރިންނެވެ. އެހެންކަމުން އެއީ 6.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ މަހު ފަތުރުވެރިން އައި އަދަދު އިތުރުވި ނަމަވެސް އޮކިއުޕެންސީ ރޭޓް ވަނީ ކުރީ އަހަރުގެ ޖަނަވަރީ އަށް ވުރެ 2.8 އިންސައްތަ ދަށް ވެފައެވެ. މިދިޔަ މަހު އޮކިއުޕެންސީ ރޭޓް ހުރީ 71 އިންސައްތައިގައެވެ.

އޭގެ އިތުރުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތު ވެސް ވަނީ ކުރީ އަހަރުގެ ޖަނަވަރީ އަށް ވުރެ ދަށް ވެފައެވެ. މިއަހަރު ޖަނަވަރީ މަހު ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހޭދަކޮށްފައި ވަނީ 6.4 ދުވަހެވެ. އެއީ ކުރީ އަހަރުގެ ޖަނަވަރީ އާއި އަޅާބަލާއިރު 0.2 އިންސައްތައިގެ ދަށް ވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިިދިޔަ މަހު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާ އިންނެވެ. ޗައިނާ އިން މިދިޔަ މަހު 25804 ފަތުރުވެރިން ވަނީ އައިސްފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައިސްފައިވާ 25830 ފަތުރުވެރިންނާއި އަޅާބަލާއިރު މަދު އަދަދެކެވެ.

މިދިޔަ މަހު ޔޫރަޕުން 83528 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ސަރަހައްދުން އައި 76603 މީހުންނާ އަޅާ ބަލާއިރު ނުވަ އުންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި ރާއްޖޭގައި މުޅިން އަލަށް 50 ރިސޯޓް ހުޅުވާފައިވެއެވެ. އެހެންކަމުން ފަތުރުވެރިން އަންނަ އަދަދު އަންނަނީ ކޮންމެ މަހަކު ވެސް އިތުރު ވަމުންނެވެ. ނަމަވެސް ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ދަށްވުމުގެ މައްސަލަ ވަނީ ފަހަކަށް އައިސް ބައެއް ރިސޯޓްތަކަށް ކުރިމަތިވެފައެވެ.