ވާވޭ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރުނު އެ ބްރޭންޑްގެ އެންމެ ފަހު ފޯން ވާވޭ ނޯވާ-4 މިރޭ ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިރޭ ހުޅުމާލެ ވެސްޓޯ މޯބައިލްގައި ބޭއްވި ރަސްމިއްޔާތެއްގައި ނޯވާ4 ރާއްޖެއަށް ތައާރަފްކޮށްދެެއްވީ މެކްސްކޮމް އާއި ވެސްޓޯ މޯބައިލްގެ އިސްވެރިންނެވެ.

މިރޭ ރާއްޖެއަށް ތައާރަފްކުރި ނޯވާ4 ފޯނަކީ ސެލްފީ ނަގާ ފަރާތްތަކަށް ވަރަށް ރަނގަޅު ފޯނަކަށް ވެގެންދާނެއެވެ. އެގޮތުން ފޯނުގެ ފްރޮންޓް ކެމެރާގައި 25 މެގަޕިކްސަލް ކެމެރާއެއް އިންނާނެއެވެ. އަދި ފޯންގެ ފަހަތުގައި ތިން ކެމެރާ އިނދެއެވެ. އެހެންކަމުން ފަހަތުގެ އިން ތިން ކެމެރާއެކު ޖުމްލަ 48 މެގަޕިލްސަލް ކެމެރާއެއް އެ ފޯނުގެ ފަހަތުގައި އިންނާނެކަން ފާހަގަކޮށްލެވެއެވެ.

މި ފޯނަކީ މިހާތަނަށް މާކެޓަށް ނެރުނު އެންމެ ފުރަތަމަ ޕަންޗުއަލް ކެމެރާ ޑިސްޕްލޭ އިންނަ ފޯނެވެ.

އޭގެ އިތުރުން މި ފޯނަކީ ބެޓަރީވެސް ވަރަށް ވަރުގަދަ ފޯނެކެވެ. އެހެންކަމުން މިހާރު ފޯންތަކުން އެންމެ ވަރުގަދައަށް ގޭމް ކުޅޭ ފަރާތްތަކަށްވެސް މިއީ ވަރަށް ބަރާބަރު ފޯނަކަށް ވެގެންދާނެއެވެ. މި ފޯނާއެކު ފާސްޓް ޗާޖިންގ ޗާޖާއެއް ލިބިގެންދާނެއެވެ.

މި ފޯންގެ ކޮންފިގަރޭޝަންއަށް ބަލާއިރު، 8 ޖީބީ ރެމަކާއި، 128 ޖީބީ ފޯން ސްޓޯރޭޖެއް އިންނަ ފޯނެކެވެ.

ވާވޭގެ އެންމެ ފަހުގެ ފޯންތައް ވިއްކަމުން އަންނަ އެއް ފިހާރައަކީ މެކްސްކޮމްއެވެ. މެކްސްކޮމްއަކީ ވާވޭ ފޯންތައް ރާއްޖެ އެތެރެކޮށް ވިއްކާ އަދި އެހެން ފިހާރަތަކަށް އެ ބްރޭންޑްގެ ފޯންތައް ފޯރުކޮށްދެމުން އަންނަ ކުންފުނި ވެސް މެއެވެ.

މެކްސްކޮމް އިން ބުނީ، ވާވޭ ބްރޭންޑްގެ ފޯންތައް އެ ފިހާރައިން ވިއްކަނީ އެއް އަހަރު ދުވަހުގެ ވޮރެންޓީއާއެކު ކަމަށެވެ. އަލަށް ތައާރަފްކުރި މި ފޯންގެ ދެ ކުލައެއް އެ ފިހާރައިން ވިއްކަމުން އަންނާނެކަމަށްވެސް ބުންޏެވެ.