ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިދިޔަ އަހަރު މަސައްކަތް ފެށި ފަޔާ ސްޓޭޝަންގެ އޮނިގަނޑުގެ މަސައްކަތް މިހާރު ނިމިއްޖެ ކަމަށް ވެލާނާ އިންޓަނޭޝަނަލް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

ވެލާނާ އެއާޕޯޓްގެ އާ ފަޔާ ސްޓޭޝަނަކީ އެއާޕޯޓް ތަރައްޤީ ކުރުމަށް ފެށި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުގައި ހިމެނިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި އަލަށް އިމާރާތް ކުރާ ފަޔާ ސްޓޭޝަނަކީ ގެޓަގަރީ-10 ގެ ފަޔާ ސްޓޭޝަނެކެވެ. އެއީ އެންމެ ބޮޑެތި ފްލައިޓްތަކަށް ވެސް ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދެވޭ ފެންވަރުގެ ސްޓޭޝަނަކެވެ. އެއްގަމު މަގުގެ އިތުރުން ކަނޑު މަގުން އޮޕަރޭޝަނެއް ހިންގަން ޖެހުނު ނަމަވެސް މި ސްޓޭޝަނުން އެފަދަ އޮޕަރޭޝަންތައް ހިންގޭނެ ކަމަށް އެމްއޭސީއެލް އިން ކުރިން ބުނެފައި ވެއެވެ.

އަލަށް އިމާރާތް ކުރާ ފަޔާ ސްޓޭޝަން މިއަހަރު ބޭނުން ކުރަން ފަށާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެލާނާ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޮޑު މަޝްރޫޢުއެއް ފެއްޓެވިއެވެ. އެމަޝްރޫޢުގެ ދަށުން ރަންވޭ އަޅާ ވަނީ ނިންމާފައެވެ. މިދިޔަ އޮގަސްޓް މަހު ރަންވޭގެ މަސައްކަތް ނިންމި ނަމަވެސް އަދިވެސް ރަންވޭ ބޭނުން ކުރަން ނުފަށައެވެ. އާސަރުކާރުން ބުނެފައި ވަނީ ރަންވޭ ބޭނުން ކުރަން ފަށާނީ މިއަހަރު ފަހުކޮޅު ކަމަށެވެ.

އެއާޕޯޓްގައި ތެޔޮ ރައްކާ ކުރުމަށް ފިއުލް ފާމެއް ހެދުމުގެ މަސައްކަތާއި އަލަށް އިމާރާތް ކުރާ ވީއައިޕީ ޓާމިނަލްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ. އަލަށް އިމާރާތް ކުރާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމަކާއި ކައިރި ވެފައެވެ. އެހުރިހާ މަސައްކަތެއް ވެސް މިއަހަރު ނިމޭނެއެވެ.

ނަމަވެސް އާ ޓާމިނަލްގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. އެމަސައްކަތް މަޑުޖެހިފައި ވަނީ މަޝްރޫއުއަށް ފައިސާ ހަމަޖައްސައިދޭ ސައުދީ އަރަބިއްޔާ އިން ފައިސާ ދިނުމުގައި ލަސްތަކެއް ދިމާވުމުން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙައްގުބަސް

    މިއީ ރައިސް ޔާމީން ފެއްޓެވި މަސައްކަތް!! ނިމެމުން މިދަނީ!! ޝުކުރިއްޔާ ރައިސް ޔާމީން!! ފަހުގެ ތާރީޚެއްގައި ރާއްޖެއިން ފެނުނު އެންމެވަރުގަދަ ޝަޚްސިއްޔަތު!!

    12