މާލޭގައި އެންމެ ފަހުން ހުޅުވި ބޮޑު ހޮޓެލް ކަމުގައިވާ މާގިރި ހޮޓެލްގައި އިންޑިއާ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

މި ރެސްޓޯރެންޓް ހުންނާނީ އެ ހޮޓެލްގެ ޓެރަސްބައިގައެވެ. ކުރީގައިވެސް އެތަން ރެސްޓޯރެންޓެއްގެ ބައެއްގެ ގޮތުގައި އިނދެއެވެ. ނަމަވެސް މިހާރު އެތަން ހާއްސަކޮށްފައި ވަނީ އިންޑިއާގެ ކެއުންތަކަށެވެ.

އިންޑިއަން ކެއުންތައް ކަމުދާ މީހުންނަށް މިތަން ހާއްސަވެގެންދާއިރު، މި ރެސްޓޯރެންޓްގެ މެނޫގައި 100 އަށްވުރެ ގިނަ އިންޑިއަން ފުޑް އައިޓަމް ހިމެނޭނެކަމަށް މާގިރި ހޮޓެލްގެ ފުންޑް އެންޑް ބެވެރޭޖް މެނޭޖަރ އަލީ ނަޖީބު ވިދާޅުވިއެވެ.

މިރޭ މި ރެސްޓޯރެންޓް ހުޅުވިގެންދިޔައިރު، މިރޭގެ ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިންއެވެ.

އަލީ ނަޖީބު ވިދާޅުވީ، އިންޑިއާގެ ނިއުދިއްލީއަށް ހާއްސަ ޝެފެއްގެ ބެލުމުގެ ދަށުން އިންޑިއާގެ ގިނަ ކެއުންތަކެއް މާގިރި ހޮޓެލްގެ ޕީކް ޓެރެސް އިން ލިބޭނެ ކަމަށެވެ. އިންޑިއާގެ ހުރިހާ ރީޖަނެއްގެ ކެއުންތައް މިތަނުން ލިބޭނެ ކަމުގެ ޔަގީންކަން މާގިރި ހޮޓެލް އިން ވަނީ ދީފައެވެ.

މާގިރި ހޮޓެލްގައި އަލަށް ހުޅުވި ރެސްޓޯރެންޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މާގިރި ހޮޓެލްގައި އަލަށް ހުޅުވި ރެސްޓޯރެންޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

އަލީ ނަޖީބު ވިދާޅުވިގޮތުގައި، މީގެ ކުރިންވެސް އެ ހޮޓަލުގައި ހުންނަ ރެސްޓޯރެންޓަކުން އިންޑިއާގެ ކެއުންތައް ލިބުނެވެ. އެއިރުވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް ނަޖީބް ވިދާޅުވިއެވެ.

"މީގެ ސޮފްޓްރަން އަޅުގަނޑުމެންގެ ރަން ކުރަމުންދިޔައީ މިތަނުގެ ސެކަންޑް ފްލޯގައި. ތަރުހީބު ވަރަށް ބޮޑު، ގާތްގަނޑަކަށް 100 ޕަސެންޓް މީހުން ވަަރަށް ޕޮޒިޓިވްކޮށް ދިޔައީ. މިހާތަނަށް މާލެ ރީޖަންގެ ހުރިހާ ރެސްޓޯރެންޓަކާއި އަޅާ ބަލާއިރު، ހުރިހާ ރެސްޓޯރެންޓަކުން ޓްރައިކޮށްފައި ހުރި ކަސްޓަމަރުންތައް މިކޮޅަށް ވިޒިޓްކޮށްފައި ވަނީ. އެ މީހުންގެ ފީޑްބެކް ވަރަށް ރަނގަޅު" އަލީ ނަޖީބު ވިދާޅުވިއެވެ.

އެ ރެސްޓޯރެންޓަކީ އިންޑިއަން ފުޑްއަށް ހާއްސަ ރެސްޓޯރެންޓެއްވި ނަމަވެސް، އިންޓަނޭޝަނަލް މެނިއުއެއްވެސް އިންނާނެ ކަމަށް އަލީ ނަޖީބު ފާހަގަކުރިއެވެ. އަދި ވަރަށް އަވަހަށް އާ މެނިއުއެއްވެސް ނެރޭނެކަމަށް އަލީ ނަޖީބު ވިދާޅުވިއެވެ.

ހިސާން މާގިރި ހޮޓެލްގެ ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ހިސާން މާގިރި ހޮޓެލްގެ ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ހިސާން ވިދާޅުވީ، އޭނާއަށް އިންޑިއަން ފުޑް އަބަދުވެސް ވަރަށް މީރު ކަމަށާއި މިރޭ އެތަނުން ލިބުނު އިންޑިއާގެ ކެއުންތައް ވަރަށް ވަރަށް ސަޅިކަމަށެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި އެ ހޮޓާ ހުޅުވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުއެވެ.