އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން 'ދިވެހި މަސްވެރިން ' ޖަމިއްޔާ އާ ގުޅިގެން އަންހެންނުންނަށް މަސްވެރިކަން ދަސްކޮށްދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ބޭންކުގެ އަންހެން މުވައްޒަފުންނާއި ގެމަނަފުށީ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 އަންހެނުން ވަނީ ބައިވެރިވެެފައެވެ.

ބީއެމްއެލް އިން ބުނެފައިވަނީ މި ހަރަކާތުގެ ސަބަބުން އަންހެނުންގެ މެދުގައި މަސްވެރިކަމުގެ ރޫޙު އާލާވެ، ދިވެހި އަންހެނުނަކީ ކޮންމެ ކަމަކަށްވެސް ކެރިގެން ކުރިމަތިލާ ފިސާރި ކަނބަލުންތަކެއްކަން ދައްކުވައިދީ، ޒަމާނުއްސުރެ ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

ބީއެމްއެލް އިން ހާމަ ކުރާ ގޮތުގައި މި ހަރަކާތް ފެށިފައިވަނީ އިއްޔެ ހަވީރުގައެވެ. ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފީނުމާއި، އެންދެމުމެވެ. އެންދެމުމަށްފަހު މަސް ބޭނުމަށްޓަކައި މިއަދު ފަތިހު ދަތުރު ފަށައި، ކަނޑަށް ނިކުމެ ގާތްގަނޑަކަށް ދެ ގަޑިއިރުތެރޭ ވަނީ 300 ކިލޯގެ މަސްބާނާފައެވެ. މަސްބާނައިގެން އެނބުރި ރަށަށް އައުމަށްފަހު، މަސް ކެނޑުމާއި އެމަހުން ރިހާކުރު ކެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންް ބާއްވާ މަސްވެރިކަމުގެ ހާއްސަ ހަރަކާތާ ގުޅޭ ގޮތުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ، މިފަދަ ހަރަކާތެއްގެ ސަބަބުން، މަސްވެރި ކަމަށް ދިވެހިން އަންހެނުން ހުރި ޝައުގުވެރިކަން ހާމަވެގެންދާ ކަމަށެވެ.

" މަސްވެރިކަން ކުރާ ގޮތް މި ފަދަ ހަރަކާތެއް މެދުވެރިކޮށް އަންހެނުން ދައްކުވައިދީ އެކަނބަލުންނަށް މިފަދަ ފުރުސަތެއް ހޯދައިދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ދިވެހި އަންހެނުން ހުރި ޝައުގެވެރިކަމާއި، މިފަދަ ކަންކަމަށް ލިބޭ ތަރުހީބު ފާހަގަ ކުރެވޭ. މިފަދަ ހާއްސަ ހަރަކާތެއް ރޭވުމުގައި ބައިވެރި 'ދިވެހި މަސްވެރިން' ޖަމިއްޔާ އަށާއި ބޭންކުގެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރަން." އޭނާ ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ ތެރޭގައި އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ލިބޭނެ ގޮތް ހަމަޖެއްސުމާއި އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ހާއްސަ ދެ ޖަމިއްޔާއަކަށް ފައިސާގެ އެހިތެރިކަންވަނީ ފޯރުކޮށްދީފައެވެ. މި ގޮތުން 'ފެމިލީ ލީގަލް ކްލިނިކް' އާއި 'ވިމެން އިން ޓެކް' އަށް ކޮންމެ ޖަމިއްޔާއަކަށް 46،000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞަބީ

    މިއަށް ކިޔާނީ އަންހެނުންގެ ގަދަރު ދައްކުރުން.

    3
    1
  2. ކެރޭ އަންހެނުން

    މިހާރު އެބަ ރަގަޅުވޭ. އަންހެނުންގެ ހަމަ ހަމަ ކަމޭ ކިޔާފަ ހަމައެކަނި ހައްަޓައް އަރާމު މަސައްކަތްތަށް ދަމައިގަނެގެން ނޫޅެ މިފަދަ ބުރަ މަސައްކަތްކުރަން ދަސްކުރޭ. ޢެހެންނޫނީ ހަމަ ހަމަ ކަމޭ ނުކިޔާ. އެެދުވަހު ދައްކާލަން ގޮސްފަ ހުއްޓާލާނީއެެއްނޫން ދެން.