ރިސޯޓެއް ހަދަން ކުއްޔަށް ދޫކޮށްފައި އޮތް ފަޅެއް ކުއްޔަށް ހިފި ފަރާތުން އެހެން ފަރާތަކަށް ވިއްކާލައިފިއެވެ،

ވިއްކާލާފައި ވަނީ ބަރޮސް ރިސޯޓް ކައިރީގައި އޮންނަ ފަޅެކެވެ.

ނަމަވެސް ފަޅު ކުއްޔަށް ހިފާފައި އޮތީ ކޮން ފަރާތަކުން ކަމެއް ވިއްކާލީ ކޮން ފަރާތަކަށް ކަމެއް ވެސް ކަށަވަރެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ކ. އަތޮޅު ފަޅު 4°17'19”N, 73°24'11”E ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ އެކަން އަންގަވައި ދެއްވުން އެދޭކަމަށެވެ.

ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން ޓޫރިޒަމް މިނިސްޓްރީ އަށް އަންގަން ޖެހެއެވެ. ލިޔުމަކުން އަދި އީމެއިލްއިން ވެސް މިނިސްޓްރީއަށް މައްސަލަ ހުށަހެޅޭނެއެވެ. އީމެއިލް އިން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.

ފާއިތުވި ހައެއްކަ އަހަރު ތެރޭގައި މާލެ އަތޮޅާއި، މާލެ އަތޮޅާއި ކައިރި އެހެން އަތޮޅުތަކުން ވެސް ބައެއް ފަޅުތައް ވަނީ ރިސޯޓް ހަދަން ކުއްޔަށް ދޫކޮށްފައެވެ. ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އެނބޫދޫ ފަޅެވެ. އެފަޅުގައި މިއަހަރު ދެ ރިސޯޓް ހުޅުވާނެއެވެ.