ނިމިގެންދިޔަ ފެބުރުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.27 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާ އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އާމަދަނީގެ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީއަކީ ވޭތުވެދިޔަ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީއާ އަޅާބަލާއިރު، 0.8 އިންސަތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 52.6 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

އާމްދަނީ އިތުރުވެފައި ވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ގްރީން ޓެކްސްއިން ލިބުނު މިންވަރު އިތުރުވުމާއި ގުޅިގެން ކަމަށް މީރާއިން ބުނެއެވެ.

އެންމެ ބޮޑު އާމްދަނީއެއް މިދިޔަ މަހު ވެސް ލިބުނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީން ލިބުނު އާމްދަނީ 794.3 މިލިއަން ރުފިޔާއަށް އަރައެވެ. އޭގެއިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 57.3 މިލިއަން ރުފިޔާ އަަށް އަރައެވެ.

ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީއާއެކު މި އަހަރުގެ މިހާތަނަށް 3.398 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރަށް ވުރެ ކުޑަ އާމްދަނީ އެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 3.452 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަށަނަރަބޅ

    ތީ އާދައިގެ ރައްޔިތު މީހާ އަތުން ނަގާފަ މުއްސަނދި މީހާ މުއްސަނދި ކުރަން ނަގާ އެއްޗެއް .

  2. ަްރިޒާ

    އެއިން ކިހާވަރެއް ރައީސާއި ނާއިބްރައީސް އަދި ފޮރިން މިނިސްޓަރގެ ދުނިޔޭގެ ބުރުޖެހުމަށް ޚަރަދު ކުރެވޭނެތޯ؟ މިހާރުވެސް ވަގުތު އޮއްވާ ހުރިހާ ޤައުމެއްގައި ފައިޖެއްސޭތޯ އާ ފޮޓޯ ނަގައި ތާރީޚެއްދެވޭތޯ ބަލާއިރު ޤައުމުގެ ބަޖެޓްގެ ޚަރަދާމެދު ވިސްނާލަނީ ކިހާވަރަކަށްތޯ؟ މިޤައުމުގެ މައްސަލައަކީ ކަމެއްނުކޮށް އަގަތަޅަށް ތިބޭ ސިޔާސީ ފަރާތްތަކަށް ހައްދުފަހަނަ އަޅާ ބޮޑު މުސާރަދީފައި ޚިދުމަތް ދޭ މީހުން ސަލާމްޖަހަށް ޖެހޭވަރަށް ނިކަމެތި ކޮށްލުމެވެ. ފައިސާ ކިތައްމެ ގިނައިން ލިބުނަސް ސިޔާސީ ޕާރޓީތަކުގެ މުހުދާތު ނުފުދޭނެވެ.

    5
    1