ދިމާވި ޓެކްނިކަލް މައްސަލައެއްގައި ފްލައިޓެއް އެމަޖެންސީގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި މޯލްޑިވިއަންގެ ބޯޓު Q2-118 އަށް ދިމާވި މައްސަލަ ކުންފުނީގެ ފަރާތުން ބަލާ ހައްލުކުރަން ޖެހޭ އެންމެހާ ކަންތައްތައް ދަނީ ހައްލު ކުރަމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މޯލްޑިވިއަންއިން ބުނެފައި ވަނީ ބޯޓުން ދަތުރުކުރި ފަސެންޖަރުންނަށް ދިމާވި ދަތިތަކާއި އިހުސާސްކުރަން ޖެހުނު ނުތަނަވަސްކަމަށް ކުންފުނިން ނިހާޔަތަށް މާފަށް އެދޭ ކަމަށާއި، އަދި ހުރިހާ ފަސެންޖަރުން ބޯޓުގެ ކްރޫއަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭގެ އިތުރުން މޯލްޑިވިއަންއިން ބުނެފައި ވަނީ އެ ކުންފުންޏަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންމެހާ ގަވާއިދުތަކާއި، ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ އިދާރާ އައިކޯއޯއިން ކަނޑައަޅައިފައިވާ އެންމެހާ ގަވާއިދުގެ ދަށުން އޮޕަރޭޓް ކުރާ އެއާލައިނެއް ކަމަށެވެ.

އޭގެ އިތުރުން މޯލްޑިވިއަންއަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް އަދި ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އިމުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ގަވާއިދުން އޮޑިޓް ކުރާ ކުންފުންޏެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެއާލައިންގެ ދަތުރުވެރިންނާއި ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެއާލައިންއިން އެންމެ އިސްކަންދޭ ކަން ކަމުގައި މޯލްޑިވިއަންއިން ބުނެފައިވެއެވެ.

ބޯޓު އެމަޖެންސީގައި ޖައްސަން މެދުވެރިވި ސަބަބު ކަމުގައިވާ "ނޯސް ގިޔާ" ގައި މައްސަލަ ޖެހުން ކަމުގައި ވާއިރު ފަސް ފަހަރެއްގެ މަތިން މަސައްކަތް ކޮށް ބޯޓު ޖެއްސޭގޮތެއް ނުވެ، މުޅި އެއާޕޯޓު ތައްޔާރީ ޙާލަތަށް ގެނައުމަށްފަހު ކެޕްޓަން ބާސިތު ތައްޔާރުވީ އެމެޖެންސީ ލޭންޑިން އަކަށެވެ.

ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމްގެ އިތުރުން ފަސްޓް އޮފިސަރު ރިމާހްރުޝްދީ އަދި ފްލައިޓް ސުޕަވައިޒަރ ހަސްނާ މުޙައްމަދު އަށް ވެސް އެތަށް ބައެއްގެ ތައުރީފް އަމާޒުވަމުންދާއިރު ބާސިތު ވަނީ އޭނާ އަށް ލިބިފައިވާ ޕައިލެޓް ކަމުގެ ހުނަރު ބޭނުން ކޮށް، އެތައް ބައެއްގެ ނުތަވަސް ކަމަށް ނިމުން ގެނުވާފައެވެ. އެއްގަޑި އިރު ވަންދެން ބޯޓް ނުޖައްސާ ތިރިން ގަން އިންޓަނޭޝަނަލް އޭއާޕޯޓް ރަންވޭ މަތީގައި އުދުއްސާފައިވާ އިރު، އެތައް ބައެއްގެ ފުރާނަ އޮތީ ނުރައްކަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީދު

    ޢަޅުގަނޑައް ހީވާގޮތުގައި ގަވައިދުތައްމުގުތަމުން ދުއްވާހެންހީވަނީ އެހެންނޫނީ އެގޮތަކައް ހިޔެއްނުވެ ބުނާނެހެން ގަވައިދާ އެއްގޮތަކަށޭ އަޅުގަޑުމެން މިއޮޕަރޭޓް މިކުރަނީ ،

  2. ......

    ހާދަ ކަޑަޔޭ....ޕުރޯ ވެބަލަ....
    އެހެން ގައުމުތަކުގެ ކުންފުނިތަކުންވެސް ކުރާ ގޮތަށް ގުރައުންޑް ކުރަންވީނުދޯ....
    ފެންވަރުނެތިއްޔާ ހުއްޓާލާ.....